Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

ސިރާޖުގެ ރައްދު އިމްރާނަށް: ޤާނޫނު ތަންފީޒުކުރާ ނަމަ ހައްލު ލިބޭނެ

ފާހިޝް އަމަލުތަކުގެ މަންޒަރުތައް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ފަތުރާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް މިހާރުވެސް އެބައޮތް ކަމަށް ވިދާޅުވެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ރައްދު ދެއްވައިފިއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައިވަނީ ސޯޝަލް މީޑިއާގައި ފާހިޝް އަމަލުތަކުގެ މަންޒަރުތައް ފަތުރާ މީހުންނަށް ފިޔަވަޅު އެޅުމަށް ޤާނޫނެއް ނެތްކަމަށް ދޭހަވާގޮތަކަށް ޓްވީޓް ކުރައްވާފައެވެ.

އެގޮތުން އިމްރާން ވިދާޅުވެފައިވަނީ ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކުގެ މަންޒަރުތައް ޝޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ފަތުރާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދުކުރަންޖެހޭ ކަމަށެވެ. އެފަދަ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖުތިމާއީ އަހުލާގިއްޔާތު އެއްކޮށް ފުނޑުފުނޑު ވެގެން ހިނގައިދާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ ޓްވީޓަށް ރައްދު ދެއްވާ މޫސާ ސިރާޖު ވިދާޅުވީ، ޤާނޫނީ އޮނިގަނޑު އެބައޮތް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާ އަކީ އެފަދަ ކުށްތަކަށް އަދަބު ކަނޑައަޅާފައިވާ މާއްދާއެއް ކަމަށް ވިދާޅުވިއެވެ. މޫސާ ސިރާޖު ވިދާޅުވީ ޤާނޫނު ތަންފީޒު ކުރެވޭނަމަ ހައްލު ލިބޭނެ ކަމަށެވެ.

"ހޯމް މިނިސްޓަރުކަން ކުރައްވާއިރު އެއްފަހަރު ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ކިޔާލުން މުހިންމު." މުސާ ސިރާޖު ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވެފައިމިވަނީ ބަންގަލްދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވަމުންދާ ދުވަސްވަރެއްގައެވެ. މީގެއިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގިނަ ބަޔަކު ވަނީ އެމީހުންގެ މަގާމުތަކުން ސަސްޕެންޑްވެސް ކޮށްފައެވެ. އަދި 18 މީހެއްގެ ޕާސްޕޯޓު ވެސް ފުލުހުން މިހާރު ވަނީ ހިފަހައްޓާފައެވެ.