Last Updated: June 11, 18:22
Thursday, June 11, 2026
ޚަބަރު

މައްސަލައަކީ ގާނޫނު ތަންފީޒް ކުރުމުގައި ތަފާތުކުރުން

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މައްސަލައަކީ ގާނޫނު ތަންފީޒް ކުރުމުގައިވެސް ތަފާތުކުރުން ގެންގުޅުން ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައިވަނީ ސޯޝަލް މީޑިއާގައި ފާހިޝް އަމަލުތަކުގެ މަންޒަރުތައް ފަތުރާ މީހުންނަށް ފިޔަވަޅު އެޅުމަށް ޤާނޫނެއް ނެތްކަމަށް ދޭހަވާގޮތަކަށް ޓްވީޓް ކުރައްވާފައެވެ. އެގޮތުން އިމްރާން ވިދާޅުވެފައިވަނީ ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކުގެ މަންޒަރުތައް ޝޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ފަތުރާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދުކުރަންޖެހޭ ކަމަށެވެ.

އެހެންނަމަވެސް ބައެއް މަޖިލިސް މެމްބަރުން ވަނީ މިހާރުވެސް ޤާނޫނުލްޢުޤޫބާތުގައި އެއީ ކުށެއް ކަމަށް ކަނޑައަޅާފައިވާކަން ފާހަގަކޮށްފައެވެ.

އިމްރާންގެ ޓްވީޓާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހުތުރު ކަންކަމާ، ފާހިޝް އަމަލުތައް ނުހުއްޓިގެން އުޅެނީ ގާނޫނެއް ނެތިގެނެއް ނޫން ކަމަށެވެ.

"ތިގޮތައް ވިދާޅުވެގެން މަޖްލިސް ޗުއްޓީ ކުރުކޮށްލާފަވެސް ކިތަންމެ ގާނޫނެއް ހަދައިދީފިން. ކޮންމެ ކަމަކުން ރެކެންނޫޅުއްވާ."

އާޒިމް ވިދާޅުވީ މައްސަލައަކީ ގާނޫނު ތަންފީޒް ކުރުމުގައިވެސް ތަފާތުކުރުން ގެންގުޅުން ކަމަށެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިމިވަނީ، ންގަލްދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން 3 މީހަކު ހައްޔަރުގައި ތިބިއިރު، ދެން ވީޑިއޯތަކުން ފެންނަ މީހުން ހައްޔަރު ނުކޮށް ހަމައެކަނި ޕާސްޕޯޓް ހިފަހައްޓާފައި ތިބުމުން އެކަމުގައި ގިނަ ބަޔަކު ފާޑުކިޔަމުން އަންނަނިކޮށެވެ. އަދި ޕާސްޕޯޓް ހިފަަހައްޓާފައިވާ މީހުންގެ ތެރެއިންވެސް ބައެއް މީހުންނަށް ފުރުމުގެ ހުއްދަ ފުލުހުން ދިނުމުގައި އެކަމުގައިވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.