Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

ޕްލާސްޓިކް ފުޅިއާ ދެކޮޅަށް އައްޑޫ

ކަނޑަށް އުކައިލާ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ، މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (އެމްއޯޕީއޭ) އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ. އަދި އެމްއޯޕީއޭގެ ފަރާތުން ސޮއިކުރެއްވީ އޭގެ އެއް ބާނީ އަދި ރައީސް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކަނޑަށް އުކައިލާ ޕްލާސްޓިކާ ދެކޮޅަށް އެމްއޯޕީއޭ އިން ކުރިއަށް ގެންދާ "ޕެޓް ރިވާސް ލޮޖިސްޓިކް ޕްރޮގްރާމް" އައްޑޫގައި ހިންގުމެވެ. ޕްލާސްޓިކާ ދެކޮޅަށް ކުރެވޭ އެކިއެކި މަސައްކަތުގައި ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭނެ އެވެ. އެގޮތުން ވަކިން ހާއްސަކޮށް އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ފުޅި އެކި ތަންތަނުން ހޮވައި ޖަމާކުރުން ހިމެނެ އެވެ.

އޭގެ ތެރޭގައި ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓްތަކާއި ގެސްޓް ހައުސް ފަދަ ތަންތަން ހިމެނެ އެވެ.

އެމްއޯޕީއޭ އިން ބުނި ގޮތުގައި އެ ޖަމިއްޔާގެ "ޕެޓް ރިވާސް ލޮޖިސްޓިކް ޕްރޮގްރާމް" އައްޑޫގައި ކުރިއަށް ގެންދާ އިރު "ލައިފް" ފެން އުފައްދާ ހެޕީ މާކެޓާއި "ބޮނަކްއާ" ފެން އުފައްދާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ ބައިވެރިވުން ވެސް ލިބޭނެ އެވެ. އެގޮތުން އައްޑޫން އެއްކުރާ ޕްލާސްޓިކް ފުޅިތައް ރިސައިކްލުރަށްޓަކައި މާލެ އަށް ގެންގޮސް އެ މަސައްކަތްކުރާ ޕާލީ މޯލްޑިވްސްއާ ހަވާލުކުރެވޭނެ އެވެ.

މިގޮތަށް ރިސައިކަލްކޮށް، އަޕްސައިކަލްކުރެވޭ ޕްލާސްޓިކަކީ މިހާރު އެޑިޑާސް ކަހަލަ ދުނިޔޭގެ ބޮޑެތި މަޝްހޫރު ކުންފުނިތަކުން އެ މީހުންގެ ތަފާތު އުފެއްދުންތައް ވެސް ތައްޔާރުކުރާ ބޭނުންކުރާ އެއްޗެކެކެވެ.

ކައުންސިލާ އެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ތޯރިގް ވަނި އެ ޖަމިއްޔާ އަށް ކައުންސިލުން ދޭން ނިންމި އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކައުންސިލާ ގުޅިގެން ކުރެވޭ މަސައްކަތުން ޕްލާސްޓިކާ ދެކޮޅަށް ކުރެވޭ މަސައްކަތުން އައްޑު އަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވި ގޮތުގައި ތިމާވެއްޓަށް ކުރެވޭ މިފަދަ މަސައްކަތްތަކީ އެންމެން ގުޅިގެން ކުރަން ޖެހޭ މަސައްކަތެކެވެ.

ނިޒާރު ވިދާޅުވީ އިއްޔެ ވަނީ ސަރުކާރުން ވެސް މިހާރު އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ފާހަގަކޮށް، މިފަދަ މަސައްކަތްތަކުގައި އަބަދު ވެސް އައްޑޫ ކައުންސިލްގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އައްޑޫގައި އެމްއޯޕީއޭ އިން ކުރިއަށް ގެންދާ ޕްރޮގްރާމަކީ ވަރަށް މުހިއްމު ބޭނުންތެރި މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.