Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އެއް މިލިއަން ވަނަ ޓޫރިސްޓް އައީ ޗެކް ރިޕަބްލިކުން

ރާއްޖެ އަށް މި އަހަރު އައި އެއް މިލިއަން ވަނަ ޓޫރިސްޓްގެ މަގާމު ޗެކް ރިބަޕްލިކްގެ އަންހެނަކަށް ލިބިއްޖެ އެވެ.

ހެނދުނު ގަތަރު އެއާވޭސްގެ ފްލައިޓެއްގައި ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން، އެއް މިލިއަން ވަނަ ޓޫރިސްޓަކީ ޗެކް ރިޕަބްލިކަށް އުފަން ޑެނިއެލާ ކިލްނަރޯވާ، 29، އެވެ. ލޯބިވެރިޔާއާ އެކީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ "ރޮބިންސަން ކްލަބް ނޫނު" ރިސޯޓްގަ އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޑެނިއެލާ އަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި އެމްއޭސީއެލް އިން ހާއްސަ ހަދިޔާއެއް ވެސް ދިނެވެ. މިއީ ޑެނިއެލާ ރާއްޖެ އައި ތިން ވަނަ ފަހަރެވެ. އޭނާ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އުންމީދު ވެސް ނުކުރާ ކަހަލަ މަގާމެއް ރާއްޖޭން ލިބުމުން ވަރަށް އުފާވެފައިވާ ކަމަށެވެ.

ޑެނިއެލާ އެންމެ ފުރަތަމަ ރާއްޖެ އައީ މީގެ 10 އަހަރު ކުރިންނެވެ. އޭރު އޭނާ ޗުއްޓީ ހޭދަކުރީ ކުރެއްދޫ ރިސޯޓުގަ އެވެ. ދެ ވަނަ ފަހަރު ހުރީ އަދާރަން މީދުއްޕަރުގަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހު ވިދާޅުވީ އުއްމީދު ކުރަނީ ސަރުކާރުން ކަނޑައަޅާފައިވާ 1.6 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒަށް މި އަހަރުގެ ނޮވެމްބަރުގައި ވާސިލްވުން ކަމަށެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ދުނިޔޭގެ ވާދަވެރި މަންޒިލްތައް ހުޅުވިފައިވަނިކޮށް އަހަރުގެ މެދު ތެރެއިން ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން ހަމަވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ޓޫރިޒަަމް އިތުރަށް ކުރިއަރާނެ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެ ގައުމުން 140،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނަ އެންމެ ގިނައިން ޓޫރިސްޓުން އިނގިރޭސިވިލާތުގެ އައި އިރު އަދަދަކީ 110،000 އެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އަދަދަކީ 103،00 އެވެ.