Last Updated: April 23, 21:11
Tuesday, April 23, 2024
ރިޕޯޓް

އަލީ ރަމީޒުގެ ހާއްސަ ވަސިއްޔަތެއް!

ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންޔެރިޔާ އަލީ ރަމީޒް މީޑިއާތަކަށް ރައްދުކޮށް ހާއްސަ ވަސިއްޔަތެއްކޮށްފި އެވެ.

ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނީ މަރުވުމުން އެ ވާހަކަ އާންމު އާންމުންނަށް އެންގުމުގެ ގޮތުން ނަމުގެ ކުރިއަށް "ކުރީގެ ލަވަކިޔުންތެރިޔާ" ނުލިޔުމަށް އެދޭ ކަމަށެވެ. އަލީ ރަމީޒް ފާހަގަކުރެވިފައި ވަނީ އޭނަގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރު އިސްލާމް ދީނަށްޓަކައި މިއުޒިކް ދޫކޮށްލި ފަންނާނެއްގެ ގޮތުގަ އެވެ. އަދި އޭގެ ފަހުން އަލީ ރަމީޒް އަބަދު ވެސް ދޭ މެސެޖަކީ މިއުޒިކާއި ލަވަ އަކީ ހަރާމް ކަމެއް ކަމަށާއި އެކަމުގެ ތެރޭގައި އުޅެވުނީތީ ހިތާމަ ވެސް ކުރާ ވާހަކަ އެވެ.

މިއުޒިކް ދޫކޮށްލައި އޭގެ ފަހުން އިސްލާމް ދީނުގެ ކަންކަމާ ވަރަށް ބޮޑަށް އުޅެމުން އަންނަ އަލީ ރަމީޒު މި ފަހުން ބޮޑަށް ފާހަގަކުރެވެނީ ދީން ފެތުރުމަށް މަސައްކަތްކުރާ މީހެއްގެ ގޮތުގަ އެވެ.

"ލަވަ އާއި މިއުޒިކަށް ނިސްބަތްކޮށް އަޅުގަނޑުގެ ޚަބަރު އިއުލާން ނުކުރުމަށް އެންމެހާ ބޭފުޅުންނަށް ވަސިއްޔަތްކުރަމެވެ." އަލީ ރަމީޒް ބުންޏެވެ.

އޭނާ މިފަދަ ވަސިއްޔަތެއްކޮށްފައި މި ވަނީ ރޭގެ ވަގުތެއްގައި ލަވަކިޔުންތެރިޔާ މުހައްމަދު ހުޒާމް މަރުވުމާ ގުޅިގެން އެ ވާހަކަ މީޑިއާތަކުން ގެނެސްދިން އިރު، ލަވައިގެ ވާހަކަ ގެނެސްފައިވާތީ އެވެ.

ރާއްޖޭގައި އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނު މީހުންގެ ތެރޭގައި ހިމެނޭ އަލީ ރަމީޒަކީ ސްކޫލް ދައުރުން ފެށިގެން ލަވަ އާއި މިއުޒިކްގެ ތެރޭގައި އުޅެ، އާމްދަނީ ހޯދަން ވެސް އެކަން ކުރިން ކުރި މީހެކެވެ. އެގޮތުން އޭނަގެ "ފްރީޒް" ބޭންޑަކީ 2000 ގެ ކުރީކޮޅާ ހަމައަށް ރާއްޖޭގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދި ބޭންޑެކެވެ.

އަލީ ރަމީޒް ލަވަކިޔުން ހުއްޓާލީ ވެސް 2000 ގެ ކުރީކޮޅު އެވެ. އޭގެ ކުރިން އޭނަ އެތައް އަލްބަމަކާއި ފިލްމުތަކަކަށް ވެސް ލަވަކިޔާފައިވެ އެވެ. އަދި ކިޔާފައިވާ ބައެއް ލަވަތަކަށް އަމިއްލަ އަށް ވީޑިއޯ ވެސް ކުޅުނެވެ.

ލަވަކިޔުން ހުއްޓާލި ފަހުން އަލީ ރަމީޒް އެންމެ ބޮޑަށް އެދެމުން ގޮސްފައިވާ އެއް ކަމަކީ ޓީވީ ޗެނެލްތަކުންނާއި ރޭޑިއޯ އިން ވެސް އޭނަގެ ލަވަތައް ނުގެނެސްދިނުމާއި އާންމުން އޭނަގެ ލަވަތައް އަޑު ވެސް ނޭހުމެވެ. އެކަމަކު އަދިވެސް ރާއްޖޭގެ ގިނަ ބަޔަކަށް އެންމެ ކަމުދާ ފިރިހެން އަޑަކީ އަލީ ރަމީޒްގެ އަޑުކަން ފާހަގަކުރެވެ އެވެ.

ސަލަފު ޖަމިއްޔާ އަށް ނިސްބަތްވާ އަލީ ރަމީޒަކީ ފޭސްބުކާއި ޓްވިޓާ އަދި އިންސްޓަގްރާމުން ވެސް ގިނަ ބަޔަކު ފޮލޯކުރަމުން އަންނަ އާންމުންގެ މެދުގައި ވަރަށް މަގުބޫލު މީހެކެވެ.

ލަވަކިޔުން ހުއްޓާލި ނަމަވެސް އަލީ ރަމީޒަކީ މިހާރު ވެސް މިއުޒިކާ ނުލައި މަދަހަ ކިޔާ މީހެއްކަން ފާހަގަކޮށްލެވެ އެވެ.