Last Updated: July 17, 18:07
Saturday, July 18, 2026
ކުޅިވަރު

ޔޫއެފާ އެވޯޑަށް ވާދަކުރަނީ ބެންޒެމާ، ކޯޓުއާ އަދި ޑިބްރޭނާ

ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ކަމަށްވާ ޔޫއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިން އިއުލާންކޮށްފި އެވެ.

އެގޮތުން މި މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގު ހޯދި ދެ ކުޅުންތެރިން ކަމަށްވާ ކަރީމް ބެންޒެމާ އާއި ގޯލްކީޕަރު ތިބޯ ކޯޓުއާގެ އިތުރުން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ ކެވިން ޑިބްރޭނާ އެވެ.

މި އެވޯޑު ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ރެއާލްގެ އިތުބާރު ފޯވާޑް ބެންޒެމާ އެވެ. އެގޮތުން ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ރެއާލަށް ސްޕެނިޝް ލީގު އަދި ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ރެއާލަށް ކުޅުނު 46 މެޗުގައި 44 ގޯލު ކާމިޔާބުކޮށްފަ އެވެ.

ޔޫއެފާގެ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ތިން ކޯޗުން ވެސް މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އެ ތިން ކޯޗުންނަކީ ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޯޓީ އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާގެ އިތުރުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އެވެ.

މި އެވޯޑު ލިބޭ ފަރާތްތައް އިއުލާން ކުރާނީ މި މަހުގެ 25 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ބާއްވާ ރަސްމިއްޔާތުގަ އެވެ.