Last Updated: March 29, 06:30
Friday, March 29, 2024
ވިޔަފާރި

ތުއްތުކުދިންގެ ފުށުގެ ވިޔަފާރި ހުއްޓާލަނީ

ތުއްތު ކުދިންނަށް ހާއްސަ ފުށް އުފައްދަމުން އަންނަ އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން އިން އެ މަސައްކަތް ހުއްޓާލަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ފުށް އުފެއްދުން ހުއްޓާލަން ނިންމާފައި ވަނީ އަންނަ އަހަރުން ފެށިގެންގެންނެވެ. އެގޮތަށް ނިންމާފައި ވަނީ ސިއްހަތަށް ގެއްލުންވާ މާއްދާތަކެއް ޖޯންސަން އެންޑް ޖޯންސަންގެ ފުށުގައި އެކުލެވޭ ކަމަށް ބުނެ، އެ ކުންފުންޏާ ދެކޮޅަށް މިހާތަނަށް އެތައް ހާސް ދައުވާއެއްކޮށް، އޭގެ ތެރެއިން ބައެއް ދައުވާތަކާ ގުޅިގެން އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ބަދަލު ވެސް ދޭން ޖެހި ކުންފުންޏަށް ވަަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް މި ފަހުން އަމާޒުވެފައި ވަނިކޮށެވެ.

އެކަމާ ހެދި މީގެ ދެ އަހަރު ކުރިން ޖޯންސަން އެންޑް ޖޯންސަންގެ ފުށް އެމެރިކާގައި ވިއްކުން ވެސް ހުއްޓާލާފައިވެ އެވެ. އެ ކުންފުނިން ބުނީ މިހާރު ނިންމާފައި އޮތީ އަންނަ އަހަރުން ފެށިގެން ފުށް އުފެއްދުމާއި ވިއްކުން ވެސް އެއްކޮށް ހުއްޓައިލަން ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަނަށް ކުރި ދައުވާތަކުގެ ތެެރޭގައި ފުށުގައި ކެންސަރަށް މަގުފަހިވާ މާއްދާތަކެއް އެކުލެވޭ ކަމަށް ބުނެ ގިނަ އަންހެނުންތަކެއް ކުރި ދައުވާތައް ހިމެނެ އެވެ. އެފަދަ ބައެއް ދައުވާތަކުގައި ބުނެފައިވާ ގޮތުގައި ފުށުގައި ރަހިމުގެ ކެންސަރަށް މަގުފަހިވާ މާއްދާތަކެއް އެކުލެވެ އެވެ.

ނަމަވެސް ތަކުރާރުކޮށް ޖޯސަން އެންޑް ޖޯންސަން އިން ބުނަމުން އަންނަނީ އެ ކުންފުނީގެ ފުށަކީ ރައްކާތެރި އެއްޗެއް ކަމަށާއި އެ އުދައްދަނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޖޯންސަން އެންޑް ޖޯންސަންގެ ހުރިހާ އުފެއްދުމަކީ ވެސް އެތައް ތަހުލީލުތަކަކަށް ފަހު، ކަމާ ގުޅުން ހުރި ތަޖުރިބާކާރުންގެ ލަފާ ހޯދައިގެން އުފައްދަމުން އަންނަ ތަކެތި ކަމަށް ބުނެ އެވެ.