Last Updated: April 25, 06:02
Thursday, April 25, 2024
ދުނިޔެ

މުރުތައްދު ލިޔުންތެރިޔާ އަށް ހަމަލާ ދީފި

މުރުތައްދުވެފައިވާ ލިޔުންތެރިޔާ ސަލްމާން ރުޝްދީ އަށް އެމެރިކާގައި ހަމަލާދީ ޒަމަހްކޮށްލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި ހިނގާފައި ވަނީ މިއަދު އެމެރިކާގެ ނިއު ޔޯކްގެ ޝަޓަކްވާ އިންސްޓިޓިއުޓްގައި އޮތް އަދަބީ އިވެންޓެއްގެ ޕެނެލް ޑިސްކަޝަނެއްގައި ރުޝްދީ، 75، ތަގުރީރުކުރަން އުޅެނިކޮށް ސްޓޭޖަށް މީހަކު އަރަ އެވެ. މި ހާދިސާގެ ވީޑިއޯތަކެއް ވެސް ދައުރުވަމުން އަންނަނީ ދައުރުވަމުންނެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ރުޝްދީ އަށް ދިން ހަމަލާއާ ގުޅިގެން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ އިރު، ހަަމަލާދިން މީހާ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ނިއު ޔޯކްގެ ފުލުހުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އަދި ރުޝްދީ އަށް ލިބުނު އަނިޔާގެ ތަފުސީލެއް ވެސް ސާފެއް ނުވެ އެވެ.

އިންޑިއާ އަށް އުފަން އަދި އަދި އިނގިރޭސި ރަށްވެހިކަން އޮންނަ ރުޝްދީ އަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެތައް ލިޔުމެއް ލިޔެފައިވާ މީހެކެވެ. މިކަމާ ގުޅިގެން އޭނަ އަށް އިސްލާމީ ދުނިޔޭގެ ވަރަށް ބޮޑު ނުރުހުމެއް އަމާޒުވެފައިވެ އެވެ. އަދި ވަރަށް ގިނަ ފަހަރު މަތިން ރުޝްދީ އަށް މަރުގެ އިންޒާރު ވެސް ލިބެމުން ގޮސްފައިވެ އެވެ.

ރުޝްދީ ލިޔުނު 1988 ގެ ފޮތް "ދަ ސެޓޭނިކް ވާސެސް" އާ އޭނަ އަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ އިރާންގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ހުމައިނީ 1989 ގައި ފަތުވާއެއް ވެސް ނެރުއްވާފައިވެ އެވެ. އަދި ރުޝްދީގެ މަރަށް އެ ގައުމުން 3 މިލިއަން ޑޮލަރު ވެސް ހުށަހަޅާފައިވެ އެވެ.