ފްރާންސުގެ މަޝްހޫރު ކުޅިވަރު މަޖައްލާ، ފްރާންސް ފުޓްބޯލް އިން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑަށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ މިފަހަރު ނޮމިނޭޓް ނުވި އެވެ.
ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓު ރޭ އިއުލާންކޮށްފައިވާއިރު، މިއީ 2005 ވަނަ އަހަރަށްފަހު މި އެވޯޑަށް މެސީ ނޮމިނޭޓް ނުވި ފުރަތަމަ ފަހަރެވެ. މެސީ ވަނީ މި އެވޯޑް މީގެކުރިން ހަތް ފަހަރު ހޯދާފަ އެވެ. އޭނާ އަކީ މި އެވޯޑް އެންމެ ގިނަ ފަހަރު ހޯދި ކުޅުންތެރިޔާ ވެސް މެ އެވެ.
މިދިޔަ ސީޒަނުގައި ބާސެލޯނާ ދޫކޮށްލުމަށްފަހު ޕީއެސްޖީ އަށް ބަދަލުވެ މެސީ އަށް މާ އެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފަ އެވެ. އެގޮތުން މިދިޔަ ސީޒަނުގައި ފްރެންޗް ލީގުގައި މެސީ ކުޅުނު 26 މެޗުގައި ކާމިޔާބު ކުރެވުނީ އެންމެ ހަ ގޯލެވެ.
މެސީގެ އިތުރުން އޭނާއާއެކު ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ވެސް ބެލޮންޑިއޯ އަށް މިފަހަރު ނޮމިނޭޓް ވެފައެއް ނުވެ އެވެ. ނަމަވެސް މެސީއާ އެންމެ ވާދަވެރި ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިސްޓުން ވަނީ ޖާގަ ލިބިފަ އެވެ.
ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ތެރެއިން 15 ކުޅުންތެރިން ނިސްބަތްވަނީ ޕްރިމިއާ ލީގަށެވެ. ސްޕެނިޝް ލީގަށް ނިސްބަތްވާ ހަތް ކުޅުންތެރިން ހިމެނޭއިރު ޖަރުމަނު ލީގަށް ނިސްބަތްވާ ހަތަރު ކުޅުންތެރިން، އިޓަލީ ލީގަށް ނިސްބަތްވާ ތިން ކުޅުންތެރިން އަދި ފްރެންޗް ލީގަށް ނިސްބަތްވާ އެއް ކުޅުންތެރިއަކު ހިމެނެ އެވެ.
މި އެވޯޑު ލިބޭ ކުޅުންތެރިއަކު އިއުލާން ކުރާނީ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު އެވެ.