Last Updated: April 25, 06:02
Thursday, April 25, 2024
ދުނިޔެ

ސަލްމާން ރުޝްދީ ވެންޓިލޭޓަރުގައި

މުރުތައްދުވެފައިވާ ލިޔުންތެރިޔާ ސަލްމާން ރުޝްދީ އަށް ވަޅިން ދިން ހަމަލާއާ ގުޅިގެން އޮތީ ވެންޓިލޭޓަރުގައި ކަމަށް އޭނާގެ އޭޖެންޓް ބުނެފި އެވެ.

ރުޝްދީ ،75، އަށް ވަޅިން ހަމަލާދީފައި ވަނީ އެމެރިކާގެ ނިއު ޔޯކްގެ ޝަޓަކްވާ އިންސްޓިޓިއުޓްގައި އޮތް އަދަބީ އިވެންޓެއްގެ ޕެނެލް ޑިސްކަޝަނެއްގައި އޭނާ ތަގުރީރުކުރަން އުޅެނިކޮށް ސްޓޭޖަށް މީހަކު އަރަ އެވެ. އެގޮތުން 10-15 ވަރަކަށް ފަހަރު ވަޅިން ހަމަލާދިން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަމަލާ ދީފައި ވަނީ ރުޝްދީގެ ކަނދުރާއަށާއ މެޔަށެވެ.

އޭނަގެ އެޖެންޓް އެންޑްރޫ ވައިލީ އެމެރިކާގެ މީޑިއާތަކަށް ބުނީ ރުޝްދީ އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އޭނާ އަށް ވާހަކަ ވެސް ނުދެއްކޭ ކަމަށެވެ. އަދި އެއް ލޮލުގެ ފެނުން ގެއްލުމަކީ ގާތް ކަމެއް ކަމަށާއި އަތަށް ވެސް ލިބިފައިވާ ޒަހަމްތައް ބޮޑު ކަމަށް އެންޑްރޫ ބުންޏެވެ. އަދި ރުޝްދީގެ ފުއްޕާމެއަށް ވެސް ވަޅީގެ ހަމަލާ އަމާޒުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ ހަމަލާއާ ގުޅިގެން އުމުރުން 24 އަހަރުގެ ހާދީ މަޓާރް ކިޔާ ނިއު ޖާޒީ އަށް ނިސްބަތްވާ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މި ހަމަލާ އޭނާ ދިން ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

އިންޑިއާ އަށް އުފަން އަދި އަދި އިނގިރޭސި ރަށްވެހިކަން އޮންނަ ރުޝްދީ އަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެތައް ލިޔުމެއް ލިޔެފައިވާ މީހެކެވެ. މިކަމާ ގުޅިގެން އޭނަ އަށް އިސްލާމީ ދުނިޔޭގެ ވަރަށް ބޮޑު ނުރުހުމެއް އަމާޒުވެފައިވެ އެވެ. އަދި ވަރަށް ގިނަ ފަހަރު މަތިން ރުޝްދީ އަށް މަރުގެ އިންޒާރު ވެސް ލިބެމުން ގޮސްފައިވެ އެވެ.

ރުޝްދީ ލިޔުނު 1988 ގެ ފޮތް "ދަ ސެޓޭނިކް ވާސެސް" އާ ގުޅިގެން އޭނަ އަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ އިރާންގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ހުމައިނީ 1989 ގައި ފަތުވާއެއް ވެސް ނެރުއްވާފައިވެ އެވެ. އަދި ރުޝްދީގެ މަރަށް އެ ގައުމުން 3 މިލިއަން ޑޮލަރު ވެސް ހުށަހަޅާފައިވެ އެވެ.