މި މަހުގެ 19 ގައި ފާހަގަކުރާ ހިއުމެނިޓީ ޑޭ އާއި މޯލްޑިވް ރެޑް ކްރެސެންޓް (އެމްއާރްސީ) ގެ އަހަރީ ދުވަހާ ގުޅުވައިގެން އައްޑޫގައި އާންމުކޮށް ހުޅުވާލައިގެން ދުވުމެއް ބާއްވަން ނިންމައިިފި އެވެ.
މި މަހުގެ 19 ގައި ހިތަދޫގައި ދުވުން ބާއްވަނީ "ރަން ފޯ ހިއުމެނިޓީ 2022" ގެ ނަމުގަ އެވެ. މި ދުވުމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ އިރު، ދުވުމުގައި ބައިވެރިވާން 200ރ. ގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.
ހިތަދޫ ސިޓީ ސްކެއާ އިން ފެށުމަށް ހަމަޖެހިފައިވާ ދުވުމުގައި ފަސް ކިލޯމީޓަރާއި ދެ ކިލޯމީޓަރަށް ދުވުމުގެ ފުރުސަތު އޮންނާނެ އެވެ. ދުވުން ކުރިއަށް ދާނީ ހަވީރު 4:00 އިން 6:00 އަށެވެ.
މި އިވެންޓާ ބެހޭ ގޮތުން އެމްއާރްސީ އައްޑޫ ގޮފީގެ އޮފިޝަލަކު ވިދާޅުވީ މީގެ މައިގަނޑު މަގުސަދަކީ އިންސާނިއްޔަތަށް މަސައްކަތްކުރާ މީހުންގެ އަގުވަޒަން ކުރުން ކަމަށެވެ. އެމްއާރްސީ އަކީ ގިނަ އަދަދަކަށް ވޮލަންޓިއަރުން މަސައްކަތްކުރާ ޖަމާއަތެކެވެ. އަދި މި ދުވުމަކީ އެމްއާރްސީގެ ހަރަކާތްތަކަށް ފައިސާ ހޯދަން ވެސް ބާއްވާ އިވެންޓެކެވެ.
އޮފިޝަލް ވިދާޅުވީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ "ރަން ފޯ ހިއުމެނިޓީ 2022" ގައި ބޮޑެތި މީހުންގެ އިތުރަށް ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. ދުވުމުގައި ބައިވެރިވާ ކޮންމެ މީހަކަށް ބިބަކާއި ހާއްސަ ފެންފުޅިއެއް ލިބޭނެ އެވެ. އަދި ދުވުމުގެ ބައިވެރިންނަށް މެޑެލް ވެސް ދޭނެ އެވެ.
"ރަން ފޯ ހިއުމެނިޓީ 2022" ގެ ޕާޓްނަރުންގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލް، އީކްއޭޓަ ވިލެޖް، އައްޑޫ ޕޮލިސް، ވިލާ ކޮލެޖްގެ އައްޑޫ ކޭމްޕަސް އަދި ބީއޭޕީސީ މާޓް ހިމެނެ އެވެ.