އެސްޓީއޯ އަށް ޑިޖިޓަލް ބޭންކިންހެ ހިދުމަތް ހޯދުމަށް ފަހު، އެއް އަމާޒަކީ އެ ހިދުމަތް ރާއްޖޭން ބޭރުގައި ވެސް ދިނުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނީގެ މެޖޭނިން ޑިރެކްޓަރު ހުސައިން އަމްރު ޕީއެސްއެމަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އެސްޓީއޯގެ ޑިޖިޓަލް ބޭންކް ގާއިމުވުމަކީ ރާއްޖެ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އަދި ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ބޭންކަށް ވެދާނެ ކަމަށެވެ.
ޑިޖިޓަލް ބޭންކިންގެ ހިދުމަތަށް ލައިސަންސް ހޯދަން އެސްޓީއޯ އިން މިދިޔަ އަހަރުގެ ފަހުކޮޅު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުށަހެޅި ނަމަވެސް އެތަނުން ވަނީ ބައެއް ކަންކަން ފާހަގަކޮށް ހުއްދަ ނުދޭން ނިންމައިފަ އެވެ. އެހެންވެ އެސްޓީއޯ އިން މިހާރު އަންނަނީ އެމްއެމްއޭ ފާހަގަކުރި ކަންކަން ރަނގަޅުކުރުމަށް އަލުން ލައިސަންސް ހޯދަން ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ދޭން ހަމަޖެހިފައިވާ ނަމަކީ "އިވޯލްވް" އެވެ.
މިކަމާ ބެހޭ ގޮތުން އަމްރު ވިދާޅުވީ މިއަހަރު ފަހުކޮޅު ލައިންސަށް އެދި ހުށަހަޅާނެ ކަަމަށެވެ. އަދި ލައިސެންސް ލިބޭތާ ހަ މަސް ދުވަހުގެތެރޭ ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ހުރިހާ ތައްޔާރީތަކެއްވެފައި އޮތީ. އެމްއެމްއޭ އިން ބޭނުންވާ ބައެއް ކަންކަން ސާފުކޮށްފައި އަލުން ހުށަހަޅާނަން،" އަމްރު ވިދާޅުވި އެވެ. "އޭގެ ތިން މަސް ފަހުން ލައިސެންސް ލިބޭނީ. ލައިސެންސް ލިބޭތާ ހަ މަސްތެރޭ ހިދުމަތް ދޭނެ ފެށޭނެ."
އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގައި މިހާރު ޑިޖިޓަލް ބޭންކިންގެ ހިދުމަތް ފުޅާވަމުން އަންނަ އިރު ރާއްޖޭގައި ވެސް އެކަން ތައާރަފުކޮށް ކުރީ ބައިގައި އެ ހިދުމަތަށް ނުކުތުމަކީ ގިނަ ފައިދާތަކެއް ކުރާނެ ކަމެކެވެ. އެހެންވެ އެސްޓީއޯއެއްގެ އެއް އަމާޒަކީ ޑިޖިޓަލް ބޭންކިންގެ ހިދުމަތް ފެށުމަށް ފަހު ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ހިދުމަތް ދިނުން ކަމަށާއި ކުރީ ބައިގައި އެސްޓީއޯ އަށް އެ ހުއްދަ ލިބިއްޖެ ނަމަ އެކަން ކުރަން ފަސޭހަ ވާނެ ކަމަށް އަމްރު ވިދާޅުވި އެވެ.
ވެސް ދިނުމަށް އެސްޓީއޯއަށް މަގު ފަހިވާނެކަން އަމްރު ފާހަގަކުރެއްވިއެވެ.
"އަމާޒަކީ ރާއްޖެއިން ބޭރުގައި ބޭންކިން ޙިދުމަތް ދިނުން،" އޭނާ ވިދާޅުވި އެވެ. "އެސްޓީއޯގެ ހުރިހާ މަސައްކަތެއް ވެސް މި ކުރަނީ ރާއްޖެ އަށް ބޭރު ފައިސާ ވަންނާނެ ފަދަ ގޮތަކަށް."
ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް ޑިޖިޓަލް ބޭންކިންގެ ލައިސަންސް ހޯދަން މަސައްކަތްކުރަމުން އަންނަ އިރު، މި އަހަރުގެ މާޗް މަހުގެ ތެރޭގައި ދުބާއީގެ ކުންފުންޏަކުން ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ހެދުމުގެ ލައިންސަންސަށް އެދި ހުށަހަޅާފައިވެ އެވެ. ޑިޖިޓަލް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ނަމުގައި ހަދަން ނިންމާފައިވާ ބޭންކަށް ހުއްދަ ހޯދަން ހުށަހެޅީ މޯޖޭ ގްލޯބަލް ހޯލްޑިން ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.