Last Updated: July 17, 18:07
Saturday, July 18, 2026
ކުޅިވަރު

ވޯލްޑް ކަޕް ފަށާނީ ނޮވެމްބަރު 20 ގައި

މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުރިން ފަށަން އޮތް ތާރީހުގެ އެއް ދުވަސް ކުރިން ފަށަން ނިންމިކަން ފީފާ އިން ކަށަވަރުކޮށް ދީފި އެވެ.

މިދިޔަ ހަފުތާގެ ފަހުކޮޅު މީޑިއާތަކުން ބުނީ ނޮވެމްބަރު މަހުގެ 21 ގައި ފަށަން އޮތް މުބާރާތަށް އެ މަހުގެ 20 އަށް އަވަސްކޮށްފައިވާ ކަމަށެވެ. ކުރިން އޮތް ގޮތުން 21 ގައި މުބާރާތް ފަށަން އޮތީ ނެދަލޭންޑްސް އާއި ސެނެގާލް މެޗުންނެވެ. ނަމަވެސް ގެނައި ބަދަލާ އެކީ މުބާރާތް ފަށައި ދޭނީ ގަތަރާއި އިކްއެޑޯ އެވެ.

އެގޮތަށް ނިންމީ މުބާރާތް ހޯސްޓްކުރާ ގައުމަށް، މުބާރާތް ފެށުމުގެ ފުރުސަތު ވެސް ދިނުމުގެ ގޮތުން ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި އެއީ އެންމެ ފަހުން ބޭއްވި ހަތަރު މުބާރާތުގައި ވެސް އަމަލުކޮށްފައިވާ ގޮތަށްވާތީ ގަތަރުގައި ބާއްވާ މުބާރާތް ހުޅުވާ މެޗްގައި އެ ގައުމަށް ފުރުސަތު ދޭން ނިންމީ ކަމަށް ބުންޏެވެ.

މެޗް ފަށާ ތާރީހަށް ބަދަލު ގެނައިކަން ހާމަކޮށް ފީފާ އިން ނެރުނު ބަޔާނެއްގައި ބުނީ މުބާރާތް ހޯސްޓްކުރާ ގައުމުގެ މެޗާ އެކީ މުބާރާތް ފެށުން ވާނީ ވަރަށް ހާއްސަ ކަމަކަށެވެ. އަދި މީގެ ސަބަބުން މުބާރާތުގެ ފޯރި ވެސް ގަދަވާނެ ކަމަށް ބުންޏެވެ.

"މިގޮތަށް ނިންމީ ކުރިން ވެސް އަމަލުކުރަމުން އައި އުސޫލަކަށް މި ފަހަރު ވެސް އަމަލުކުރުމުގެ ގޮތުން. އަދި މި ބަދަލު މި ގެނައި ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކާ ވެސް މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސް." ފީފާ އިން ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ގަތަރުގެ ވޯލްޑް ކަޕްގެ ސުޕްރީމް ކޮމިޓީ ފޯ ޑެލިވެރީ އެންޑް ލެގަސީން ބުނީ ފީފާގެ ނިންމުމާ މެދު އުފާކުރާ ކަމަށާއި އަމާޒަކީ ވަރަށް އަމާންއޮމާން އެކީ މުބާރާތް ކުރިއަށް ގެންދިއުން ކަމަށެވެ.

"މުބާރާތް ފަށަން މިހާރު ސަތޭކަ ދުވަހަށްވެފައިވާ އިރު ގަތަރު އޮތީ މުބާރާތަށް ހުރިހާ ތައްޔާރީތަކެއްވެ ނިމިފައި." ކޮމިޓީން ބުންޏެވެ.

މުބާރާތް 20 ގައި ފަށަން ނިންމުމާ ގުޅިގެން ކުރީގެ ޝެޑިއުލް ވަނީ އަލުން ތާވަލުކޮށްފަ އެވެ. ނަމަވެސް މި ބަދަލާ އެކީ މުޅި މުބާރާތަކަށް މާ ބޮޑު ބަދަލެއް ނާންނާނެ އެވެ. ގަތަރާއި އިކްއެޑޯ ބައްދަލުކުރާ މެޗް އޮންނާނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ރޭގަނޑު 9:00 ގަ އެވެ.

ފީފާ އިން ބުނީ މުބާރާތް ފަށާ ދުވަހަށާއި މުބާރާތް ފަށާ ޓީމްތައް ބަދަލުވެފައިވާތީ ފުރަތަމަ މެޗްގެ ޓިކެޓް ގަތް މީހުންނަށް އީމެއިލުން މިހާރު މެޗްތައް ރޭވިފައި ގޮތް ހިއްސާކޮށްފައިވާ ކަމަށެވެ.

ވޯލްޑް ކަޕް ކުރިއަށް ދާނީ ނޮވެމްބަރު 20 އިން ޑިސެމްބަރު 18 އަށެވެ.