Last Updated: June 11, 18:22
Thursday, June 11, 2026
ޚަބަރު

ތަރައްގީއަށް ޒުވާނުން އަދާކުރާ ދައުރު މުހިންމު: ނައިބު ރައީސް

ނައިބުރައީސް ފައިސަލް ނަސީމް- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި ޒުވާން އާބާދީ އަދާކުރާ ދައުރަކީ މުހިންމު ދައުރެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް މިފަދައިން ވިދާޅުވެފައިވަނީ ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށީ ސިޓީކައުންސިލާއި ރާއްޖޭގައި ހުންނަ އދ ގެ އޮފީސް ގުޅިގެން، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ކޮވިޑް19 އިން އަރައިގަނެ ކުރިޔަށް ދިޔުމަށް މަސައްކަތް ކުރާއިރު، މުޖުތަމުގެ ވިސްނުންތަކާއި އެކު ކަންކަން ނިންމުމުގައި ޒުވާނުންގެ ދައުރެއް އޮތުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި އެކަމުގައި އޮތް ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ މަސައްކަތް ކުރަން ޖެހޭކަމުގައި ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ، ޒުވާނުންކަމަށާއި، އެހެންކަމުން ތަރައްޤީގެ ކޮންމެ މަރުހަލާއެއްގައި ވެސް އެ މީހުން ޝާމިލުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި، ރާއްޖޭގެ ޒުވާން އާބާދީ އަދާކުރާ ދައުރަކީ، ވަރަށް މުހިންމު ދައުރެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ސިވިލް ސާވިސްގައި އެގާރަހާހަށް ވުރެ ގިނަ ޒުވާނުން ވަޒީފާއަދާ ކުރަމުންދާކަން ފާހަގަކޮށް ނައިބުރައީސް ފައިސަލް ވިދާޅުވީ އިތުރު އެތައް ޒުވާނުންނެއް ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަމުންދާމަށެވެ. އަދި ވިދާޅުވީ، ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޒުވާނުންގެ ފަރާތުންވެސް ނަމޫނާ މަސައްކަތްތަކެއް ފެނިގެން ދިޔަ ކަމަށެވެ. އަދި އެމަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ ރާއްޖޭގެ މުސްތަޤްބަލަށް އުންމީދީ އާބާދީއެއްކަން ހާމަވެގެން ގޮސްފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

މާދަމާގެ މުސްތަޤުބަލަށްޓަކައި އެންމެ މުހިއްމު ކަމަކީ، ޒުވާނުން ބާރުވެރިކުރުން ކަމަށާއި، ޒުވާނުންނަށް ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދައިދީ، ޒުވާނުންނަކީ ޤާބިލް ބަޔަކަށް ހެދުންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިކަމަކީ އެންމެން އެއްބައިވެ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމެއްކަމުގައި ވެސް ވިދާޅުވިއެވެ. އަދި މިވަގުތު ދިވެހިޤައުމު ބޭނުން ވަނީ އެންމެން އެކުވެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމުގައިވެސް ވިދާޅުވިއެވެ.