Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އައްޑޫ މަގު ހަދާ ގޮތުން ރައްޔިތުންނަށް މުސީބާތަކަށް

އައްޑޫ ސިޓީގެ މަގުތައް ހަދާ ނިމޭއިރު ރައްޔިތުންނަށް މުސީބާތަކަށް ވުމުގެ ބިރު އެބައޮތް ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިޒާރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަސައްކަތަކީ ސަރުކާރުން ރައްޔިތުންނަށްޓަކާ ކޮށްދެއްވާ ވަރަށް ބޮޑު ހޭދައެއް ކަމަށާއި މި މަސައްކަތުގެ ކޮންޓްރެކްޓާ އަދި ކޮންސަލްޓެންޓަކީ އެއް ގައުމަކަށް ނިސްބަތްވާ ގުޅުން އޮތް ބައެއް ކަމަށެވެ. އެގޮތުން މަސައްކަތުގެ ފެންވަރާއި މަސައްކަތް ކުރަމުންދާ ގޮތުގެ ޝަކުވާ ބޮޑު ކަމަށް ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ކައުންސިލުން ތަކުރާރުކޮށް މި ޝަކުވާތައް މަސައްކަތުގެ ވެރި ފަރާތް ކަމަށްވާ ހައުސިން މިނިސްޓްރީ އަށް ހިއްސާ ކުރަމުންދާ ކަމަށެވެ. ނަމަވެސް ހައްލެއް ނުލިބި މި މަސައްކަތް ނިމޭއިރު މި މަގުތައް އައްޑޫ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ނިޒާރު ވިދާޅުވި އެވެ.

"މި މަސައްކަތް ހައުސިން މިނިސްޓްރީން ބަލަންވާ ވަރަށް ނުބެލޭ. އައްޑޫގެ މަގުތައް ހަދާ ނިމޭއިރު ރަނގަޅު ފެންވަރަކަށް، ގިނަ ދުވަހަށް އޮންނަ ގޮތަށް ނިމުމަކީ އައްޑޫ ރައްޔިތުން އެދޭ ގޮތް. އަދި އެއީ ސަރުކާރުން ވެސް ބޭނުންވާނެ ގޮތް. އެހެން ނަމަވެސް މިދާ ގޮތަށް ދާނަމަ އެ އުއްމީދުގައި ކުލަ ނުޖެހިދާނެ." ނިޒާރު ވިދާޅުވި އެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ އިންޑިއާ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ ގައުމުގެ އެފްކޮންސް އިންފްރާސްޓަކްޗަ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި މަސައްކަތުގެ ތެރެއިން އައްޑޫގެ އަވަށްތަކުގެ މަގުތަކުގެ އިތުރުން ހަންކެޑެ އާއި ގައުކެނޑި ގުޅިފައި އޮތް ކޯޒްވޭ ބަދަލުކުރުން ވެސް ހިމެނެ އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ވެސް ގާއިމުކުރާނެ އެވެ. މަގުތައް ހަދާ އިރު، ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވާ އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހަދާނެ އެވެ.