Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ހިޔާލު ފާޅުކުރެވޭނީ ދީނާ ހިލާފު ނުވާ ގޮތަށް: ޖަމީލު

ގާނޫނުއަސާސީގެ ދަށުން ހިޔާލު ފާޅުކުރެވޭނީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނުގައި ހަރާމް ކަންކަން ހުއްދަވާ ގޮތަށް ވާހަކަ ދެއްކުމަކީ ރާއްޖޭގައި ކުށެއް ކަމަށެވެ.

"[އެހެންވީމަ] އެފަދަ މީހުންނާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަން ޖެހޭ. ވެރިކަން އޮތުމީ ކޮންމެ ވާހަކައެއް ދެއްކުމުގެ ލައިސެންސެއް ނޫން." ޖަމީލު ވިދާޅުވި އެވެ.

އޭނަ މި މޭރުމުން ޓްވީޓްކުރައްވާފައި ވަނީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ވެސް ހިމެނޭ ގޮތަށް އަދި ރައްޔިތުންގެ މަޖިލީޖުގެ މެމްބަރަކު ވެސް ހިމެނޭ ގޮތަށް ފާހިޝް އަމަލު ހިންގާ މަންޒަރުތަކާއި ފޮޓޯތަކެއް އާންމުވި މައްސަލައިގައި ނަޝީދު ދެއްކެވި ވާހަކަތަކަށް ވެސް ރިއާޔަތްކޮށެވެ. އެވެ. ނަޝީދު ވިދާޅުވެފައި ވަނީ އެފަދަ ކަންކަމަކީ އެފަދަ ކަންކަން ކުރާ މީހުންގެ ޒާތީ ކަމެއް ކަމަށެވެ.

އަދި ލިވާތުގެ މައްސަލާގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއިލް (އިބުރާ) ކުރެއްވި ޓްވީޓްތަކެއްގައި ވެސް އެފަދަ ކަންކަން ކުރާ މީހުން ދިފާއުކުރާ މޭރުމަކުން ވާހަކަ ދައްކަވާފައިވެ އެވެ. ޔޯގާ އިވެންޓްގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންނާއި ލިވާތު މައްސަލާގައި ހައްޔަރުކުރި މީހުން އަޅާކިޔައި، އިބްރާ ވިދާޅުވީ ލިވާތުގެ ތުހުމަތުކުރެވުނު މީހުންނަކީ އެ މީހުންގެ ސަބަބުން އިތުރު ބަޔަކަށް ނުރައްކާވާ ބައެއް ނޫން ކަމަށެވެ.

"ލިވާތު ކުރިކަމަށް ތުހުމަތުވާ މީހުން، ތަހުގީގު ނިމުނީމަ ޝަރީއަތުގެ ހުކުމެއް ނެތްހާ ހިނދަކު ބަންދުކޮށްފައި ނުބޭތިއްބޭނެ." އިބުރާ ވިދާޅުވި އެވެ.

ނަމަވެސް އެއާ ހިލާފަށް ޔޯގާ ހަމަނުޖެހުމަކީ އެހެން ބައެއްގެ މިނިވަންކަމަށް ހުރަސްއަޅައި، ޖިސްމާއި ފުރާނަ އަށް ހަމަލާދިނުމުގެ އަމަލުތައް ހިމެނޭ ގޮތަށް އާންމު ތަނެއްގައި ހިންގި ޓެރަރިޒަމްގެ އަމަލެއްކަމުން އެފަދަ ބަޔަކު ދޫވެފައި ތިބުމަކީ މުޖުތަމަ އަށް އޮތް ނުރައްކަލެއް ކަމަށް އިބްރާ ވިދާޅުވި އެވެ.