އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑުން 4-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.
މިއީ ލީގުގައި މި ދެ ޓީމުން ވެސް ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު، ފުރަތަމަ މެޗުގައި ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 2-1 އިން ބަލިވެފަ އެވެ. ބްރެންޓްފޯޑުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ލެސްޓަ ސިޓީއާ ބައްދަލުކޮށްވީ 2-2 އިން އެއްވަރެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ބްރެންޓްފޯޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 10 ވަނަ މިނެޓްގައި ޖޯޝް ޑަ ސިލްވާ ވަނީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ގޯލަކީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ޑަ ސިލްވާ ފޮނުވާލި ހަމަލާއެއް މަތަކުރަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ އަތުން ހެދުނު ގޯހަކުން ވަތް ގޯލެކެވެ.
އޭގެ އަށް މިނެޓްފަހުން ޔުނައިޓެޑްގެ ޑިފެންސަލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މަތިއަސް ޔެންސަން ބްރެންޓްފޯޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގެ 30 ވަނަ މިނެޓްގައި ބްރެންޓްފޯޑްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ބެން މީ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ބްރަޔަން އެމްބުއޭމޯ ވަނީ ބްރެންޓްފޯޑްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށް ޔުނައިޓެޑް ސިއްސުވާލާފަ އެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކުރި ނަމަވެސް ބްރެންޓްފޯޑްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީން ވަނީ 4-0 އިން ބޯންމަތް ބަލިކޮށްފަ އެވެ. އާސެނަލް އިން 4-2 އިން ލެސްޓާ ސިޓީ ބަލިކުރިއިރު އެސްޓަންވިލާ އިން ވަނީ 2-1 އިން އެވަޓަންގެ މައްޗަށް ކުރި ހޯދާފަ އެވެ.