ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ކުޅުނު ފުރަތަމަ މެޗު ރަޔޯ ވަޔެކާނޯއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
ރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން މި ޓްރާންސްފާ މާކެޓުގައި ބާސާ އަށް އަލަށް ގެނައި ބައެއް ކުޅުންތެރިން ކަމަށްވާ ރޮބަޓް ލެވެންޑޯސްކީ އާއި އަންދްރޭސް ކްރިސްޓެންސަން އަދި ރަފީނިއާ ކުޅެފައިވެ އެވެ. މި މެޗަށް ނިކުތްއިރު ބާސާ އަށް އަލަށް ގެނައި ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ރަޖިސްޓްރީ ކުރެވިފައި ނުވާތީ އޭނާ މެޗަށް ސްކޮޑުގައި ހިމަނާފައެއް ނުވެ އެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު ބާސާ އިން މި މެޗުގައި 21 ޝޮޓް ވަނީ ހަދާފަ އެވެ. އެގޮތުން ބާސާ އަށް ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ދެވަނަ ހާފްގައި ލެވެންޑޯސްކީ އަށް ކަމަށްވާއިރު އޭނާ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ޑިފެންސިވް ކުޅުމެއް ދެއްކި ވަޔެކާނޯ އަށް ކައުންޓާ އެޓޭކްތަކުގައި ވަނީ ލީޑު ނަގަން ހުސް ދެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް އެ ޓީމުން ފޮނުވާލި އެ ދެ ހަމަލާ ވެސް ދިފާއުކުރީ ބާސާގެ ކީޕަރު ސްޓޭގަން އެވެ.
މި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބާސާގެ ތަޖުރިބާކާރު މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑުގެ ސަބަބުން އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. ބުސްކެޓްސް އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ވަޔެކާނޯގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ލީގުގައި ބާސާ އިން ދެން ބައްދަލުކުރާނީ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑްއާ އެވެ.