Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ލިވާތުކުޅޭ މީހުންނަކީ ބޮޑު ވައިރަހެއް: ޒައިދު

ލިވާތުކުރާ މީހުން ނުވަތަ އެއްޖިންސުން ގުޅުން ހިންގާ މީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބުމަކީ ބޮޑު ނުރައްކަލެއް ކަމަށާއި އެއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ އެކީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުން މިހާރު ދޫކޮށްލާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ޒައިދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ލިވާތުކުޅޭ މީހުންނަކީ ބޮޑު ވައިރަހެއް ކަމަށެވެ.

"ލިވާތު ކުޅެނީ އެކަންޏެއް ނޫން. އެއީ ވައިރަސް ފަދައިން އެހެން މީހުން ވެސް އެ މީހުންގެ މަޅީގައި ޖައްސާނެ، ޖައްސަމުންދާ ބައެއް،" އޭނަ ވިދާޅުވި އެވެ. "ވީމާ ލިވާތުކުރާ މީހުންނާއި އެއަށް ވުރެ ހިތްވަރުދޭ ފަރާތްތައް ވެސް ހައްޔަރުކުރަން ޖެހޭ. އެ މީހުން ދޫވެފައި ތިބުމަކީ ނުރައްކަލެއް."

ލިވާތުކުރާ މީހުން ހައްޔަރުގައި ބައިތިއްބަން ނުޖެހޭ ކަމަށާއި އަދި އެފަދަ މީހުންނަކީ އެހެން މީހުންނަށް އޮތް ނުރައްކަލެއް ވެސް ނޫން ކަމަށް ބުނެ އެމްޑީޕީގެ ކުރީގެ ރައީސް އަދި މަންދު ކޮލެޖްގެ ވެރިޔާ އިބްރާހީމް އިސްމާއީލް އިބުރާ) ކުރެއްވި ޓްވީޓްތަކަށް ރައްދު ވެސް ދެއްވައި ޒައިދު ވިދާޅުވީ އިސްލާމީ މުޖުތަމައެއްގައި ކޮލެޖް ހިންގަން އެކަށީގެން ނުވާ ބައެެއް ފަރާތްތަކަށް އެކަމުގެ ފުރުސަތު ދީފައި އޮތުމަކީ ދިވެހި އިސްލާމީ މުޖުތަމައުގައި އިސްލާމީ އަސާސްތަކުގެ ފޭރާން ބަލިކަށިވާ ކަމެއް ކަމަށެވެ.

"އިސްލާމީ ހުކޫމަތުގެ ބާރު ކަނޑުވާލަން އުޅޭ ފަރާތްތަކާ މެދު ހުށިޔާރުވާން ޖެހޭ." ޒައިދު ވިދާޅުވި އެވެ.

ލިވާތުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު ކާނަލްގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު މިދިޔަ ހަފުތާގެ ފަހުކޮޅު ދޫކޮށްލުމާ ގުޅިގެން އެތައް ބަޔަކު މިހާރު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް އެ މީހުން ދޫކުރި މައްސަލަ ދިފާއުކޮށް ޕްރޮސެކިއުޓަ ޖެނެރަލް ޕީޖީ އޮފީހުން ބުނީ ލިވާތުގެ ތުހުމަތުކުރެވޭ މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ޖެހޭ ބައެއް ނޫން ކަމަށެވެ.