Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އިތުރު އެއާޕޯޓަކަށް ރޭގަނޑު އުދުހެވޭ ގޮތް ހަދަނީ

ރާއްޖޭގެ އެއާޕޯޓްތަކުގެ ތެރެއިން މި ވަގުތު ރޭގަނޑު ދަތުރުތައް ނުބޭއްވޭ ދެ އެއާޕޯޓަކަށް ރޭގަނޑު ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ބުނެފި އެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެ ދެ އެއާޕޯޓަކީ ހއ. ހޯރަފުއްޓާއި ގދ. މާވަރުލު އެއާޕޯޓް ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެ އެއާޕޯޓަސާް ރޭގަނޑު ދަތުރުތައް ފެށުމަށްޓަކައި އެތަންތަނުގެ ރަންވޭގައި ލައިޓުތައް ހަރުކުރަން ޖެހޭ ކަމަށާއި އެކަމާ ގުޅޭ ބައެއް މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން ހޯރަފުއްޓާއި މާވަރުލުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ. މިއީ މި މަސައްކަތް ބީލަމަށްލި ދެވަނަ ފަހަރެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނި ގޮތުގައި ބީލަމުގެ މަރުހަލާ ނިމުމާ އެކު، މަސައްކަތް ރަސްމީކޮށް ހަވާލުކޮށް ދެ އެއާޕޯޓްގެ ރަންވޭ ދިއްލުމުގެ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ.

ހޯރަފުއްޓާއި މާވަރުލު އެއާޕޯޓަށް މިހާރު ރޭގަނޑު ދަތުރުތައް ނުބޭއްވީ އެކަމުގެ ދަތިކަން ކުރިމަތިވެފައިވެ އެވެ. އަދި އެއާޕޯޓްތަކުގެ އޮޕަރޭޝަންތައް ފުރިހަމަވާނީ ވެސް ރޭގަނޑު ދަތުރުކުރެވޭ ގޮތް ހަމަޖެހުމުން ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.

އެތަނުން މިހާރު އަންނަނީ ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭގައި ލައިޓް ޖެހުމުގެ މަސައްކަތްކުރަމުންނެވެ. އެހެންވެ އެތަނަށް މާ ލަސްތަކެއް ނުވެ ރޭގަނޑުގެ ދަތުރުތައް ވެސް ފެށޭނެ އެވެ.