Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ޖަލު ހުކުމެއް އައި އިރު މިނިވަނަކަށް!

އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް މިއަދު ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވި އިރު، އޭނާ ބަންދުގައި ހަ މަސް ހޭދަކޮށްފައިވާތީ މިއަދު މިނިވަންކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަކޮށްގެންނާއި އޮރިޔާން ކާޑު ގެންގުޅުނު މައްސަލައެއްގައި ހައްޔަރުކޮށް، ޖަލުގައި ހަ މަސް ހޭދަކުރަން ޖެހުނު މީހަކީ މުހައްމަދު ރުސްތުމް މުޖްތަބާ އެވެ.

އޭނަގެ މައްޗަށް ކަނޑައެޅޭނެ އަދަބާ ބެހޭ ގޮތުންނާއި އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓްގައި ބޭއްވި މަޖިލީހުގައި ދައުލަތުން ބުނީ ގާނޫނުލް އުގޫބާތުގައި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުން ކަމަށެވެ. އަދި ރުސްތުމް ކުށަށް އިއުތިރާފްވެފައިވާތީ އަދަބުގެ މިންވަރު ތިން މަހާއި 18 ދުވަހުގެ ހުކުމަކަށް ދަށްވާނެ ކަމަށް ވެސް ބުންޏެވެ.

މައްސަަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ހުކުމް އިއްވަވަމުން ވިދާޅުވީ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި ތިން މަހާއި 18 ދުވަހަށް އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި 13 ދުވަހަށް ރުސްތުމް ޖަލަށް ލާން ހުކުމް ކުރައްވާ ކަމަށެވެ.

ނަމަވެސް އެ ހުކުމް އިއްވި އިރު، ރުސްތުމް ބަންދުގައި ހަ މަސް ހޭދަކޮށްފައިވާތީ ހުކުމާ އެކީ އޮތީ އޭނާ މިނިވަންކުރުމެވެ.