Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ފަތާފައި ފުވައްމުލަކަށް އެރި މީހާގެ ދޯނި ފެނިއްޖެ

މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އެކަނި ދޯންޏެއްގައި މަހަށް ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓުނު އައްޑޫ ހިތަދޫ، ކެޔޮޅުގޭ އަލި މަނިކުފާން ދަތުރުކުރި ދޯނި ގއ. ވިލިނގިލީ ބޭރުން މަސްވެރިކަން ކުރަން އުޅިުނު ދޯންޏަކަށް ފެނިއްޖެއެވެ.

އަލިމަނިކުފާނު ކަނޑަށް ވެއްޓުނީ މަސްވެރިކަމުގައި އުޅެނިކޮށް އައްޑޫގެ އުތުރުން 13 ވަރަލަށް މޭލު ބޭރުންނެވެ. އޭނާ ވަނީ ފަތާފައި ގޮސް ފުވައްމުލަކަށް އަރާފައެވެ. އަލި މަނިކުފާން ވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފަ އެވެ. އޭނާ އަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނެތް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައިވެ އެވެ.

އަލި މަނިކުފާން ދަތުރުކުރި ދޯނި ފެނިފައި ވަނީ ގއ. ވިލިނގިލި އާއި ދިމާލުން 55 މޭލު ބޭރުން މަހަށް ނިކުމެ އުޅުނު ދ. ކުޑަހުވަދު އަށް ނިސްބަތްވާ "ފަހި" ދޯންޏަށެވެ.

އެ ދޯނިން "އައްޑޫލައިވް" އަށް މައުލޫމާތު ދިން ފަރާތުން ބުނީ މިއަދު މަސްވެެރިކަމުގައި އުޅެނިކޮށް ދޯންޏެއް ފެނިގެން ގޮސް ބެލި އިރު އެ ދޯންޏަކީ އައްޑޫން ގެއްލުނު ދޯނި ކަމަށެވެ. އެގޮތުން ދޯނީގައި އަލި މަނިކުފާން ބޭނި މަހާއި، ދިރޭ އެމުގެ އިތުރުން ދެން ހުރި ސާމާން ވެސް ބަރާބަރަށް ހުރި ކަމަށެވެ. އަދި މިހާރު ދޯނި ނަގައިގެން އެ ދޯނި ދަތުރު ކުރަމުންދަނީ ކޫއްޑު އަށް ކަމަށް ދޯނިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި ކަނޑަށް ވެއްޓުނު އަލިމަނިކުފާނަކީ އާންމުކޮށް އެކަނި މަހަށް ނުކުންނަ މީހެކެވެ. އަދި ރޭގަނޑާއި ދުވާލު ވެސް އޭނާ އެގޮތަށް މަހަށް ނުކުމެ އެވެ. އޭނާ ފުވައްމުލަކަށް އަރާފައި ވަނީ ހަ ގަޑިއިރު ފަތާފައި ކަމަށްވެ އެވެ.