Last Updated: July 17, 18:07
Saturday, July 18, 2026
ކުޅިވަރު

ފަހަތުން އަރައި ރެއާލަށް މޮޅެއް

ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި އަލްމީރިއާ އަތުން 1-2 އިން މޮޅުވެއްޖެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އަލްމީރިއާ އިންނެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓްގައި މި ގޯލް އަލްމީރިއާ އަށް ކާމިޔާބުކޮށްދިނީ ރަމަޒާނީ އެވެ. ފުރަތަމަ ހާފްގައި ރެއާލުން އަލްމީރިއާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށްވީ އަލްމީރިއާގެ ގޯލްކީޕަރު ފެނާންޑޯ މާޓިނޭޒް އެވެ.

އަލްމީރިއާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 61 ވަނަ މިނެޓްގައި ލޫކަސް ވަޒްކުއޭޒް ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ރެއާލަށް ލީޑު ނަގައިދިން ގޯލް މެޗުގެ 75 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ޑޭވިޑް އަލާބާ އެވެ. އަލާބާ މި ގޯލް ކާމިޔާބުކުރީ ދެވަނަ ހާފްގައި ކުޅެން އެރިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

ނަތީޖާ އެއްވަރުކުރަން މެޗުގެ ފަހުވަގުތުކޮޅުތެރޭ އަލްމީރިއާގެ ރޮޑްރިގޯ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ.

ރެއާލް އަކީ ސްޕެނިޝް ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާއިރު، އެޓީމުން މިދިޔަ ހަފްތާގައި ވަނީ ޔޫއެފާ ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.