Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"ހެރީ ޕޮޓާ" ގެ ލިޔުންތެރިޔާ އަށް މަރުގެ އިންޒާރު

"ހެރީ ޕޮޓާ" ގެ ލިޔުންތެރިޔާ ޖޭކޭ ރޯލިން އަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ނިއު ޔޯކްގައި އޮތް އަދަބީ އިވެންޓެއްގައި މުރުތައްދުވެފައިވާ ލިޔުންތެރިޔާ ސަލްމާން ރުޝްދީ އަށް ވަޅިއަކުން ހަމަލާދިން މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، ރުޝްދީގެ ދިފާއުގައި ރޯލިން، 57، ކުރި ޓްވީޓަކާ ގުޅިގެން މީހަކު ވަނީ އޭނަ އަށް އިންޒާރު ދީފަ އެވެ.

އެ އިންޒާރުގެ ސްކްރީންޝޮޓެއް ވެސް އިނގިރޭސިވިލާތުގެ ލިޔުންތެރިޔާ ޓްވީޓްކޮށްފައިވާ އިރު އޭގައި ބުނެފައި ވަނީ "ދެން އޮތީ ކަލޭ [ގެ ދުވަސް ދުއްވާލުން]" ކަމަށެވެ. އަދި އެ ޓްވީޓްކޮށްފައި ވަނީ ޕާކިސްތާނުން ކަމަށާއި ޓްވީޓްގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން އިއްޔެ އެ ޑިލީޓްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

އެ މައްސަލަ ބަލަމުން އަންނަކަން ސްކޮޓްލޭންގެ ފުލުހުން ކަށަވަރުކޮށް ދީފައިވާ އިރު، ރޯލިން ފުލުހުންނަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ރުޝްދީ 1988 ގައި ނެރުނު ފޮތް "ދަ ސެނޭޓިކް ވާސަސް" އާ ގުޅިގެން އިސްލާމީ ދުނިޔޭގެ ނުރުހުމާއި ނަފުރަތު އޭނަ އަށް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ. އޭނަ އަށް ހުކުރު ދިން ހަމަލާއާ ބެހޭ ގޮތުން "ހެރީ ޕޮޓާ" ގެ ލިޔުންތެރިޔާ ބުނެފައި އެ ޚަބަރުވީ ވަރަށް ކަންބޮޑުވި ވާހަކައަކަށް ކަމަށާއި ރުޝްދީ އަށް ޝިފާ އަށް އެދޭ ކަމަށެވެ.

ރުޝްދީ އަށް ހަމަލާ ދިނީ ނިއު ޔޯކްގެ ޝަޓަކްވާ އިންސްޓިޓިއުޓްގެ އިވެންޓެއްގެ ޕެނެލް ޑިސްކަޝަނެއްގައި އޭނާ ވާހަކަ ދައްކަން ތައްޔާރުވަމުން ދަނިކޮށް ސްޓޭޖަށް މީހަކު އަރަ އެވެ. އެގޮތުން އޭނަގެ ކަރާއި ބަނޑަށް ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ. މި ހާދިސާއާ ގުޅިގެން ރުޝްދީ އަށް ވެންޓިލޭޓަރުގައި ފަރުވާދިން ނަމަވެސް މިހާރު ވަނީ ވެންޓިލޭޓަރުން ނަގައިފަ އެވެ. އަދި އޭނަގެ ހާލު ރަނގަޅު ކަމަށް އާއިލާ އިން ވެސް ބުނެފައިވެ އެވެ.

ރުޝްދީ އަށް ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ނިއު ޖާޒީ އަށް ނިސްބަތްވާ ހާދީ މަޓާރް، 24، އެވެ. އޭނަގެ މައްޗަށް މިހާރު ވަނީ ދެ ދައުވާއެއް ވެސް އުފުލައިފަ އެވެ. އެއީ ގަސްތުގައި މީހަކު މަރައިލަން އުޅުމާއި ގަސްތުގައި ޖިސްމާނީ ގޮތުން މީހަކަށް އަނިޔާދިންކަމުގެ ދައިވާ އެވެ. ނަމަވެސް އެ ދައުވާތަކަށް ހާދީ އިންކާރުކޮށްފައިވެ އެވެ.