މިހާތަނަށް ށ. ފީވަކަށް ވައުދެއްވެވަޑައިގަތް ހަމައެކަނި ރައީސަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ފީވަކު ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން އެގޮތަށް ބުނެފައި ވަނީ ރައީސާ އެކީ އިއްޔެ ރައީސް އޮފީހުގައޮ އޮތް ބައްދަލުވުމެއްގަ އެވެ. ފީވަކު ކައުންސިލަރުން ރައީސާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީ އަށް ކުރެވެމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
އެގޮތުން އެ ބައްދަލުވުމުގައި ފީވަކު ކައުންސިލުން ވަނީ ރަށަށް ޢުމުރާނީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ތަރައްގީވާން ފަށާފައި ވަނީ މި ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައިކަން ފާހަގަކުރައްވައި، ރައީސަށާއި ސަރުކާރަށް ޝުކުރު ދަންނަވައިފަ އެވެ.

ކައުންސިލުން ބުނީ ފީވަކުގެ ތަރައްގީއަށްޓަކައި ވަޢުދެއް ވެވަޑައިގެންނެވި، ހަމައެކަނި ވެރިއަކީ މިހާރުގެ ރައީސް ކަމަށާއި ރައީސް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިނގަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ބައެއް މަޝްރޫއުތައް ނިމިފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތައް އުފެއްދުމަށް ފަހު، ފީވަކުގެ ތަރައްގީއާ ގުޅޭ ގޮތުން ރާއްޖޭގެ ރައީސަކާ މީގެ ކުރިން ބައްދަލުކުރުމުގެ ފުރުސަތެއް ކުރީގެ އެއްވެސް ކާރެއްގައި ލިބިފައި ނެތް ކަމަށް ވެސް ފީވަކު ކައުންސިލް މެމްބަރުން ވިދާޅުވި އެވެ.
ބައްދަލުވުމުގައި ރައީސް ވަނީ، ސަރުކާރުން ފީވަކުގައި ކުރިޔަށް ގެންދާ ކަންކަން ފީވަކުގެ ރައްޔިތުން ބަލައިގެންފައިވާތީ އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.

ފީވަކު ކައުންސިލުން ވަނީ މިހާރު ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަން ވެސް ރައީސާ ހިއްސާކޮށްފަ އެވެ. އެގޮތުން ރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާއި ރަށްގިރުމުގެ މައްސަލަ ހިމެނެ އެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ
ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ކަނޑައަޅައި އެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތާއި ، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައި ދެއްވާނެ ކަމަށެވެ.