Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ފުލުހުންގެ ވޮލީ މުބާރާތް ފަށައިފި

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ފުލުހުންނަށް ހާއްސަކޮށްގެން ބާއްވާ ކޮމިޝަނަ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭ "ސީޕީ ކަޕް ވޮލީބޯޅަ މުބާރާތް" ފަށައިފި އެވެ.

ހޮނިހިރު ދުވަހު މުބާރާތް ފެށުމުގެ ގޮތުން ގަލޮޅު ޕޮލިސް ސްޓޭޝަން ފުރަގަހުން އޮންނަ ވޮލީކޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ސީޕީ މުހައްމަދު ޙަމީހަވެ.

މި މަހުގެ 13 އިން އަންނަ މަހުގެ 3 އަށް ކުރިއަށް ގެންދާ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގައި ފުލުހުންގެ އެކި ބަހާތަކުން 18 ޓީމަކުން ވާދަކުރެ އެވެ. އެއީ ފިރިހެން ޑިވިޝަންގެ 14 ޓީމާއި އަންހެން ޑިވިޝަންގެ ހަތަރު ޓީމެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން ކުރިއަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް ދެ ޓީމު ސެމީ ފައިނަލަށް ދާ ގޮތަށެވެ. އަދި ފިރިހެން ޑިވިޗަންގެ ފައިނަލަށް ދާ ޓީމު ކަނޑައަޅާނީ ސެމީ ފައިނަލަށް ދަތުރުކުރާ ހަތަރު ޓީމުގެ މެދުގައި ކުޅޭ ތިން ސެމީ ފައިނަލް މެޗުންނެވެ.

އެގޮތުން ފުރަތަމަ ސެމީ ފައިނަލުން މޮޅުވާ ޓީމަށް ފައިނަލަށް ޖާގަލިބޭ އިރު، ފައިނަލުގައި ވާދަކުރާ ދެވަނަ ޓީމު ކަނޑައަޅާނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި ދެވަނަ ސެމީން މޮޅުވާ ޓީމު ވާދަކުރާ މެޗުންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަން ކުރިއަށް ދަނީ ލީގު އުސޫލުން ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމު ސެމީ އަށް ދާ ގޮތަށެވެ. އަންހެން ޑިވިޝަންގައި ވެސް ތިން ސެމީ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވެ އެވެ.

ސީޕީގެ ވާދައިގެ ތައްޓަށް ކުޅެވޭ މުބާރާތަކީ ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން ފުލުހުންގެ އެކި ބަހާތަކަށް އަމާޒުކޮށްގެން ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ޝަރަފްވެރި މުބާރާތެވެ.