އަވައްޓެރި އިންޑިއާ އަކީ ދުނިޔޭގައި މިހާރު އަސްކަރީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ވަރުގަދަ ބާރެއް ކަމަށް ވިދާޅުވެ އެ ގައުމުން މިއަދު ފާހަގަކުރާ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުހައްމަދު ނަޝީދު ފޮނުއްވައިފި އެވެ.
އިންޑިއާގެ މިނިވަންކަމަށް މިއަދު 75 އަހަރު ފުރުމާ ދިމާކޮށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އަންނަނީ އިއްޔެ އިން ފެށިގެން ތަފާތު އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ.
އެ ގައުމަށް މިނިވަން ދުވަހުގެ ތަހުނިޔާ ޓްވިޓާގައި މޯދީ ޓެގްކުރައްވައި ފޮނުއްވައި ނަޝީދު ވިދާޅުވީ މިނިވަންކަން ލިބުނު ފަހުން އިންޑިއާވެފައި ވަނީ އަަސްކަރީ ގޮތުންނާއި އިގުތިސާދީ ގޮތުން ދުނިޔޭގެ ވަރުގަދަ ބާރަކަށް ކަމަށެވެ. އަދި މިނިވަންކަމާ އެކީ ގައުމުން އެތައް މިލިއަން ބަޔަކު ހައިހޫނުކަމުން ވެސް މިނިވަންކޮށް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
75 years ago, at the stroke of the midnight hour, when the world slept, India awaked to life and freedom. Since then it has become a military & economic world power, lifting millions of its people from poverty. Happy Independence Day to the people and PM of India.@PMOIndia
— Mohamed Nasheed (@MohamedNasheed) August 14, 2022
"ބޮޑުވަޒީރާއި ރައްޔިތުންނަށް އުފާވެރި މިނިވަން ދުވަހަކަށް އެދެން." ނަޝީދު ވިދާޅުވި އެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހެވެ. އިނގިރޭސީންގެ އަޅުވެތިކަމުން އެ ގައުމަށް މިނިވަންކަން ލިބުނީ އޮގަސްޓް 15، 1947 ގަ އެވެ.