"އައްސޭރި ޕްރިޒަނާސް ކަޕް" ގެ ނަމުގައި އައްސޭރި ޖަލުގައި ފުޓްބޯޅަ މުބާރާތެއް ފަށައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ 51 ވަނަ އަހަރީ ދުވަހާ ވެސް ގުޅުވައިގެން އެ މުބާރާތް އިއްޔެ ހަވީރު ފައްޓަވައި ދެއްވީ ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅެވެ.
މި މަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ގައިދީންގެ ހަތަރު ޓީމް ވާދަކުރެ އެވެ. އަދި މި މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން، އެއްބުރު ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށްދާ ގޮތަށެވެ.
އެމްސީއެސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން “އައްސޭރި ޕްރިޒަނަރސް ކަޕް” ފުޓްބޯޅަ ޓޯނަމަންޓް ފަށައިފި https://t.co/ZiCLGFw9WR pic.twitter.com/dELGGqUwNS
— Maldives Correctional Service (@CorrectionsMv) August 14, 2022
މި މުބާރާތުގެ މަޤްޞަދަކީ ގައިދީންނަ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމާއި، އެ މީހުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއި ފުޓްބޯޅަ ކުޅެން ޝައުގުވެރިވާ ގައިދީންނަށް އެ މީހުންގެ ހުނަރު ދައްކައިލަން މަށް ފުރުސަތު ހޯދައި ދިނުން ކަމަށް އެމްސީއެސް އިން ބުންޏެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕްރިޒަންސް ވިދާޅުވީ އައްސޭރި ޖަލުގައި ގައިދީންގެ ރިހެބިލިޓޭޝަންގެ މަސައްކަތް މިހާރަށް ވުރެ ފުޅާ ކުރެއްވުމަށް މަސައްކަތްކުރައްވަނުން ގެންދަވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މުބާރާތްތައް ރާވައި ހިންގައި އަދި ޢާއިލާތަކާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ވެސް ހަރަކާތްތައް ހިންގުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.