Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ރައީސްގެ ފޮޓޯތަކާ ބެހޭ ވާހަކަ ތަފުސީލުކޮށް ދެއްވައިފި

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯ ހުރި ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ދެއްކެވި ވާހަކަތައް އެމަނިކުފާނު ތަފްސީލު ކޮށްދެއްވައިފިއެވެ.

ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ އެކަމާ ގުޅޭގޮތުން ރައީސް ނަޝީދަށް ސުވާލު ކުރައްވާފައެެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެއްކެވި ވާހަކައެއް ދެއްކެވީ އެމްޑީޕީގެ ވަކި ގްރޫޕެއްގެ މަޝްވަރާގެ ތެރެއިން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެއްކެވި ވާހަކަތަކުގެ ބަސްތައް ގުޅިފައިވަނީ އެވަގުތު ހިނގަމުންދިޔަ ވަރަށް ހައްސާސް ކަންތައްތަކަކާ ކަމަށެވެ.

އެގޮތުން އެ ދުވަސްވަރު ބަޔަކު ދިޔައީ އިންތިޒާމުވެ ރޭވިގެން އޮރިޔާން ފޮޓޯ އުފައްދާ އެ ތަކެތީގެ ބޭނުންކުރަމުން ދިޔަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ ފޮޓޯތައް ބޭނުންކޮށް ބަޔަކު އަތުން ފައިސާވެސް ހޯދަމުންދިޔަ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ނުކުތާ އަކީ ލޮލަށް ފެންނަ ކޮންމެ ފޮޓޯއަކާއި އެބާވަތުގެ ކަންކަމުގައި ގާނޫނުގައި ބަޔާންކުރާގޮތަށް އެއާ މެދު އަމަލު ކުރަންޖެހޭނެ ކަމަށް ކަމަށެވެ.

"އެއީ ރައީސްގެ ފޮޓޯފުޅެއް ކަމަށް ވިދާޅުވެ ބަޔަކު މީހުން ދައުރު ކުރަމުންދިޔަ އެއްޗެއް ކަމަށް ވިޔަސް އަޅުގަނޑާ މެދު ބަޔަކު މީހުން ދައުރު ކުރި އެއްޗެއް ކަމަށް ވިޔަސް އެހުރިހާ ކަމެއް ހިނގަމުންދާންޖެހޭނީ ގާނޫނީ ތަރަހައިގެ ތެރޭގައި. ހެއްކަކީ ކޮބައިތޯ އަދި ފޮޓޯ އަކީ ކޮބައިތޯ ގާނޫނު ވަރަށް ބޮޑަށް ސާފުކޮށްދޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ނޫސްވެރިން ގިނަ ސުވާލުތަކެއް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ކޮށްފައިވެއެވެ. އެހެންނަމަވެސް ރައީސް ނަޝިދު އެކަމާ ގުޅޭގޮތުން އިތުރަށް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.