Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ހުރިހާ ކުޅިވަރަކަށް ސަރުކާރުން އެހީވާނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މިހާރަށް ވުރެ އިތުރު ފަހިގޮތްތައް ކުރިއަށް އޮތްތަނުގައި ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައި.އެސް.ޖީ.2021(ގައި ވާދަކުރި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ ކުޅިވަރުތަކަށް އިތުރު ފުރުޞަތުތައް ހޯދައިދެއްވާނެ ކަމަށެވެ. އަދި ކުރިން ރާއްޖެއަށް ގިނަ ކާމިޔާބީތައް ޙާޞިލު ކުރެވެމުން ދިޔައީ ސަރަޙައްދީ މުބާރާތްތަކުން ކަމުގައި ވީނަމަވެސް މިފަހަރުގެ މި ކާމިޔާބީއާއެކު ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް މިއައްވުރެ މާބޮޑެތި ކާމިޔާބީތައް ވެސް ހޯދިދާނެކަމުގެ އިތުބާރާއި ޔަޤީންކަން މިހާރު ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ހުރިހާ ކުޅިވަރުތައް ތަރައްޤީކުރުމަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަންކަން މުޅި ރާއްޖެއަށް ފުޅާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ކުދިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، މުބާރާތްތަކުގައި ބައިވެރިވޭނެ ފުރުޞަތުތައް އިތުރުކޮށްދިނުމަށް އަދިވެސް އިތުރަށް މަސައްކަތް ކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ރާއްޖޭގެ އެތުލީޓުން ބޭރުގެ އެކި ކުޅިވަރު މުބާރާތްތަކުގައި ރާއްޖެ ތަމްޞީލުކުރުމުން ކުޅިވަރުގެ ދާއިރާއަށް އެލިބޭ ކުރިއެރުންތަކާއެކު އެއީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އިތުރަށް މަޝްހޫރުވެ ރާއްޖޭގެ މަޤްބޫލުކަން އިތުރުވެގެންދިއުން ފަދަ އެތައްފައިދާތަކެއް އެކުލެވޭކަމެއްކަން ވެސް ފާހަގަކުރެއްވި އެވެ.