Last Updated: July 17, 18:07
Saturday, July 18, 2026
ކުޅިވަރު

ލިވަޕޫލް އެއްވަރުވި އިރު، ނުނޭޒަށް ރަތެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ލިވަޕޫލްގެ ފޯވާޑް ޑާވިން ނުނޭޒް އަށް ރަތްކާޑު ދައްކައިފި އެވެ.

މިއީ ލީގުގައި ލިވަޕޫލް ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ފުލަމްއާ ދެކޮޅަށް އެޓީމުވީ 2-2 އިން އެއްވަރެވެ. ލީގުގެ ފުރަތަމަ މެޗުގައި ޕެލެސް ވަނީ 2-0 އިން އާސެނަލް އަތުން ބަލިވެފަ އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ޕެލެސް އިންނެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓްގައި މި ގޯލް ޕެލެސް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ވިލްފްރެޑް ޒަހާ އެވެ. ޒަހާ މި ގޯލް ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކުރަން ލިވަޕޫލްގެ ނުނޭޒް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. ލިވަޕޫލަށް އިތުރު މައްސަލަތަކެއް ދިމާވީ މެޗުގެ 57 ވަނަ މިނެޓްގައި ނުނޭޒް އަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކު ފުރިހަމަ ކުރަން ޖެހުމުންނެވެ. ނުނޭޒަށް ރަތްކާޑު ދެއްކީ ޕެލެސްގެ ޑިފެންޑަރެއްގެ މޭމަތީގައި ބޮލުން ޖެހުމުންނެވެ.

މި ރަތްކާޑާއެކު ނުނޭޒަށް ލިވަޕޫލުން ދެން ކުޅޭ ތިން މެޗުގައި ނުކުޅެވޭނެ އެވެ. އެ ތިން މެޗުގައި ލިވަޕޫލް ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާއި، ބޯންމަތް އަދި ނިއުކާސަލް ޔުނައިޓެޑާ އެވެ.

އެއް ކުޅުންތެރިއެއް މަދުކޮށް ކުޅުނު ލިވަޕޫލަށް މެޗުގެ 61 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްދިނީ ލުއިސް ޑިއާޒް އެވެ. ޑިއާޒް މި ގޯލް ކާމިޔާބުކުރީ ޕެލެސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލަށްފަހު ލިވަޕޫލުން ލީޑު ނަގަން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް ދެވަނަ ފަހަރަށް ޕެލެސްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް އެޓީމަށް ވަނީ ނުވެފަ އެވެ.