ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްސީއެލް) އިން ބޯނަހުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25،000ރ. ދޭން ނިންމައިފި އެވެ.
އެ ކުންފުނިން އެ އަދަދަށް ބޯނަސްދޭނީ މިދިޔަ އަހަރު އެއްކޮށް ކުންފުނީގައި މަސައްކަތްކުރި މުވައްޒަފުންނަށެވެ. އެއީ އެމްއޭސީއެލްގެ އެއްވެސް ޑިޕާޓްމަންޓެއްގެ މުވައްޒަފެއް އިސްތިސްނާނުވާ ގޮތަށެވެ. ކުންފުނީގެ ތާރީހުގައި މުވައްޒަފުންނަށް ރެކޯޑް އަދަދަކުން ބޯނަސް ދޭން ނިންމި އިރު، އެ ފައިސާ އަންނަ ބުރާސްފަތި ދުވަހު މުވައްޒަފުންނަށް ޖަމާކޮށްދޭނެ އެވެ.
އެމްސީއެލްގެ ކޮންމެ މުވައްޒަފަކަށް 25،000ރ. ގެ ބޯނަހެއް ދޭން ނިންމީ މިދިޔަ އަހަރު ކުންފުންޏަށް ބޮޑު ފައިދާއެއް ވެސް ލިބިފައިވާ އެވެ. އެގޮތުން މިދިޔަ އަހަރު ސާފު އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބުނެވެ.

އެމްސީއެލުން ބުނި ގޮތުގައި މިދިޔަ އަހަރު އެއްކޮށް ކުންފުނީގައި މަސައްކަތްކުރި ހުރިހާ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި 25،000ރ. ދޭން ނިންމި އިރު، އަހަރަކަށް ވުރެ ކުރު މުއްދަތަކަށް މިދިޔަ އަހަރު މަސައްކަތްކުރި މުވައްޒަފުންނަށް މަސައްކަތްކުރި ދުވަހުގެ ނިސްވަތަކުން ބޯނަސް ދޭނެ އެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނަށް އެންމެ ފަހުން ބޯނަސް ދިނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ކޮންމެ މުވައްޒަފަކަށް ބޯނަހަށް ލިބުނީ 7،879.79ރ. އެވެ.