މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ ހަށިގަނޑުގެ ފޮޓޯތައް ދައުރު ނުކުރުމަށް ފުލުހުން އެދެފިއެވެ.
ހ. ޝީރީންވިލާ ގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތަކެއް ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާތީ ފުލުހުން ބުނެފައިވަނީ، އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެ ފޮޓޯ ތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި، ތަހުގީގުގައި ބޭނުންކުރަމުން ގެންދާ ފޮޓޯތަކެއް ނޫން ކަމަށެވެ. ނަމަވެސް، ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި، ލީކު ކޮށްފައިވޭތޯ އިތުރަށް ބަލަމުންގެންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
"އެ ފޮޓޯ ތަކަކީ އަނިޔާވެރިކަން ފެންނަ، ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެފަދަ ފޮޓޯތަކަކަށް ވުމާއެކު، އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް މި ފުރުސަތުގައި ދަންނަވަމެވެ." ފުލުހުން ބުނެފައިވެއެވެ.
ހ. ޝީރީންވިލާގެ ނުވަ ވަނަ ބުރީގެ އެޕާޓްމަންޓުގެ ތެރޭގައި ޝިއާގެ ބޮލާއި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކެއް ވެސް ބުރިކޮށްލައި އަނިޔާވެރިކޮށް އޭނަ މަރާލި މައްސަލާގައި ރާއްޖޭގެ މަޝްހޫރު ސްކޭޓަރެއް ކަމަށްވާ ފ. ނިލަންދޫ، ފިނިފެންމާ ގޭ އަލީ ޝާހިލް، 23، ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އޭނާ ހުރީ ބަންދުކޮށްފައެވެ.