Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު އެމްޑީޕީ

ބަރުލަމާނީ ގަރާރު އަނބުރާ ގެންދަން އެދިވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ތާއިދު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހް ވަނީ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާފައެވެ.

ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރެއް އެމްޑީޕީގެ ކޮންގްރެެސްއަށް ހުށަހަޅާފައިވާއިރު، ރައީސް ސޯލިހް ވަނީ އެގަރާރު އަނބުރާ ގެންދިއުމަށް އެދިވަޑައިގަންނަވައިފައިވާކަން ހާމަކުރައްވާފައެވެ.

ރައީސް ސޯލިހް ދެއްވި އިންޓަވިއުގައި ވިދާޅުވީ، ކޮންގްރެސްއިން ގަރާރު ފާސްވާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ކޮންގްރެސްއަށް ހުށަހަޅާފައިވާ ނިޒާމާއި ބެހޭ ގަރާރު އަނބުރާ ގެންދިއުމަށް އެދިވަޑައިގެންނެވި ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ބަރުލަމާނީ ނިޒާމެއް ގެންނަވަރަށްވުރެ ރާއްޖެ އޮތީ ޅަފަތުގައިކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލާ ރައީސް ނަޝީދުގެ ގަރާރު އެމްޑީޕީ ކޮންގްރެސްއަށް ހުށަހަޅާފައިވާއިރު އެމަނިކުފާނު އިސްވެ ހުންނަވާ އެކަމުގެ މަޝްވަރާ ހަރުގެ ބައްދަލުވުންތައް އެމްޑީޕީ ހަރުގޭގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ރައީސް ނަޝީދުގެ ގަރާރުގައި ފާހަގަކޮށްފައިވާ ވާހަކަތައް

ގާނޫނުއަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކުގެ ގޮތުގައި ރައީސް ނަޝީދު ގަރާރުގައި ފާހަގަ ކުރައްވާފައިވަނީ، ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިންތިހާބު ކުރާ އެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިފައިވާ ބޮޑު ވަޒީރު ކަމުގައި ކަނޑައެޅުމަށެވެ. އަދި ދައުކަތުގެ އެންމެ މަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑައަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާ ކަމުގައި ކަނޑައެޅުމަށެވެ.

އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި، ބޮޑުވަޒީރަކު ސަރުކާރު ހިންގާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިދޭ ބާރުތަކާއި އަދާކުރާންޖެހޭ މައްސޫލިއްޔަތުތައް ކަނޑައެޅުމަށާއި، ރައްޔިތުންގެ މަޖިލީހުގައި ދާއިރާތަކުގެ މެމްބަރުން ތަމްސީލު ވާނެ ގޮތްތަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި ޕާޓީއަށް ހާއްސަކުރެވޭ "ނެޝަނަލް ލިސްޓު"ގެ މެމްބަރުން ހިމެނޭ އުސޫލު ޤާނޫނުއަސާސީގައި ކަނޑައެޅުމަށްވެސް ރައީސް ނަޝިދުގެ ގަރާރުގައި ހުށަހަޅާފައިވެއެވެ.

ރައީސް ނަޝީދުގެ ގަރާރުގައި ގާނޫނުއަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކުގެ ގޮތުގައި އިތުރަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 މެމްބަރުންނަށްވުރެއް އިތުރު ނުވާނެ ގޮތަށް އަދަދު ހިފެހެއްޓުމާއި، ސަރުކާރު ހިންގާނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމުގައި ކަނޑައެޅުމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުން ކަމުގައި ކަނޑައެޅުމަށްވެސް ހުށަހަޅާފައިވެއެވެ.

މީގެއިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާގޮތަށް ގެންނަ ބަދަލުތައް ކަނޑައެޅުމަށާއި، ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ އަސާސީ ސިފަތައް ޤާނޫނުއަސާސީގައި ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ގަރާރުގައި ހުށަހަޅުއްވާފައިވެއެވެ.