އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ބަޖެޓް އަންނަ ހަފުތާގެ ތެރޭގައި ފައިނަލްކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެތަނުން ބުނީ އެކަމާ ގުޅޭ މަަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ބަޖެޓާ ގުޅޭ މަސައްކަތުގެ ވަރަށް ބޮޑު ބައި މިހާރު ވެސް ނިމިފައިވާ ކަމަށެވެ. އީސީން ބުނި ގޮތުގައި މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަކީ ފިނޭންސް މިނިސްޓްރީ އާއި އަދި ކަމާ ގުޅުން ހުރި އެހެން އިދާރާތަކާ މަޝްވަރާކޮށް، ރިޔާސީ އިންތިހާބަށް ކަނޑައަޅާ ބަޖެޓް ފައިނަލްކުރުމެވެ.
އެހެންވެ އަންނަ ހަފުތާގެ ތެރޭގައި ބަޖެޓާ މެދު ނިންމޭނެ ކަމަށް ބުންޏެވެ. ރިޔާސީ އިންތިހާބަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިންތިހާބުކަމުން މި އިންތިހާބަށް އަބަދު ވެސް ބޮޑު ހަރަދެއް ހޭދަވެ އެވެ.
އީސީން ރިޔާސީ އިންތިހާބާ ގުޅޭ ތައްޔާރީތަކުގައި އުޅޭ އިރު، އިންތިބާހަށް ނުކުންނާނެކަން ބައެއް ފަރާތްތަކުން މިހާރު ވެސް ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް (ކާނަލް) ގެ އިތުރުން އުމަރު ނަސީރު ހިމެނެ އެވެ.
މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމިން ވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުވާނީ މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އިންތިހާބަށެވެ.