Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ހާލަތަށް ބަލާއިރު ރަނގަޅީ ރިޔާސީ ނިޒާމެއް: މަހުލޫފް

އަހުމަދު މަހުލޫފް - ފޮޓޯ: ރައީސް އޮފީސް

ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ނިޒާމެއް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ނިޒާމާމެދު ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދު ކުރައްވާކަމަށެވެ.

އަދި މިވަގުތާއި ހާލަތަށް ބަލާއިރު، އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ނިޒާމެއްގައި ކުރިއަށްދިއުން ކަމުގައިދެކޭ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރެއް އެމްޑީޕީގެ ކޮންގްރެެސްއަށް ހުށަހަޅާފައިވާއިރު، ރައީސް ސޯލިހް ވަނީ އެގަރާރު އަނބުރާ ގެންދިއުމަށް އެދިވަޑައިގަންނަވައިފައިވާކަން ހާމަކުރައްވާފައެވެ. އަދި އެމަނިކުފާނު ތާއީދު ކުރައްވަނި ރިޔާސީ ނިޒާމަކަށްކަންވެސް ރައީސް ސޯލިހް ހާމަކުރައްވާފައިވެއެވެ.

ރައީސް ސޯލިހް މިކަން ހާމަކުރެއްވުމާއެކު ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ބައެއް ވަޒީރުން އަންނަނީ އެ ބޭފުޅުން ރިޔާސީ ނިޒާމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

މީގެއިތުރުން ކޯލިޝަން ލީޑަރުންގެ ތެރެއިން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.