Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

ޔުނައިޓެޑް ގަންނަން މަހުޖަނަކު ޝައުގުވެރިވެއްޖެ

މެންޗެސްޓާ ޔުނައިޓެޑް ގަންނަން ޝައުގުވެރިވާކަން އިނގިރޭސިވިލާތުގެ ބިލިނަރެއް ކަމަށްވާ، ސަރ ޖިމް ރެޓްކްލިފް ހާމަކޮށްފި އެވެ.

ރެޓްކްލިފް މިކަން ހާމަކޮށްފައިމިވަނީ ޔުނައިޓެޑްގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާ އާއިލާ އިން އެ ކްލަބުގެ ހިއްސާއިން ބައެއް ވިއްކާލަން ބައެއް އިންވެސްޓަރުންނާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އިނގިރޭސިވިލާތުގެ "ދަ ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ރެޓްކްލިފްގެ ތަރުޖަމާނަކު ވިދާޅުވީ ޔުނައިޓެޑް ވިއްކާލަން ނިންމައިފިނަމަ އެ ކްލަބު ގަންނަން ރެޓްކްލިފް ޝައުގުވެރިވާ ކަމަށެވެ. އަދި މިއީ ކްލަބުގެ ކަންކަން އާ ފެށުމަކުން ފަށަން އެންމެ ރަނގަޅު ވަގުތު ކަމަށް ރެޓްކްލިފް ގަބޫލުކުރާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

އަމިއްލަ މިލްކިއްޔާތުގައި ގާތްގަނޑަކަށް 12 ބިލިއަން ޕައުންޑު ހުރި ރެޓްކްލިފް މީގެކުރިން ވަނީ ޗެލްސީ ގަންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެގޮތުން ޗެލްސީ ގަންނަން އޭނާ 4.25 ބިލިއަން ޕައުންޑްގެ ބިޑެއް ހުށަހެޅި ނަމަވެސް އެކަން އޭނާ އަށް ކާމިޔާބުވެފައެއް ނުވެ އެވެ.

އިނގިރޭސިވިލާތުގެ ކެމިކަލް ކުންފުނި އިނިއޯސް ގުރޫޕުގެ ފައުންޑާ ރެޓްކްލިފް އަކީ ފްރާންސްގެ ކުލަބް ނީސްގެ ވެސް ވެރިޔާ އެވެ. އޭނާ ނީސް ގަތީ 2019 ވަނަ އަހަރުގެ މާޗު މަހު 100 މިލިއަން ޔޫރޯ އަށެވެ.

ގްލޭޒާ އާއިލާ އިން ޔުނައިޓެޑް ގަތީ 2005 ވަަނަ އަހަރު ކަމަށްވާއިރު މި ޓްރާންސްފާ މާކެޓުގައި އެކަށީގެންވާ ގޮތެއްގައި ކްލަބަށް ހަރަދު ނުކުރާތީ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް ގްލޭޒާ އާއިލާ އަށް އަމާޒުވެފަ އެވެ. އެގޮތުން ގްލޭޒާ އާއިލާއާ ދެކޮޅަށް އަންނަ ހޯމަ ދުވަހު މުޒާހަރާއެއް ކުރަން ވެސް ޔުނައިޓެޑްގެ ސަޕޯޓަރުން އަންނަނީ ތައްޔާރުވަމުންނެވެ.

ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ބަލިވެ ޔުނައިޓެޑް މިވަގުތު އޮތީ ލީގުގެ ފުލުގަ އެވެ.