Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ކައުންސިލަރުން މާލެ ދިޔައީ ރައްޔިތުންނަށްޓަކައި

އައްޑޫ ސިޓީ ކައުންސިލުން މިހާރު މާލެ އަށް ކުރަމުން އަންނަ ދަތުރަކީ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ފުރިހަމަކޮށް ހިދުމަތް ދިނުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދަން ކުރާ ދަތުރެއް ކަމަށް ބުނެފި އެވެ.

މި ދަތުރުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި ކަމާ ގުޅޭ މުއައްސަސާތަކާއި މަޝްވަރާކުރުމަށް ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އެގޮތުން ބައެއް މިނިސްޓްރީތަކާއި ސަރުކާރުގެ ބައެއް މުއްސަސާތަކާ ވެސް މި ދަތުރުގެ އިން ބައްދަލުކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ހިމެނެ އެވެ. މި ދަތުރުގެ ތެރެއިން މިއަދު ވެސް އެކި މިނިސްޓްރީތަކާއި އައްޑޫ ކައުންސިލްގެ ވަފުދު ބައްދަލުކުރާނެ އެވެ.

ކައުންސިލުން ބުނި ގޮތުގައި އިއްޔެ ފިނޭންސް މިނިސްޓްރީއާ އެކީ ބޭއްވި ބައްދަލުވުމުގައި ކައުންސިލަށް ދައުލަތުންދޭ ބްލޮކް ގްރާންޓް ކަނޑައަޅާ ފިސްކަލް ފޯމިއުލާ އާއި ވެހިކަލް ފީ ކައުންސިލަށް ނެގުމުގެ މަސައްކަތާއި ސިޓީ ކައުންސިލަށް ދިމާވާ އެހެނިހެން ބަޖެޓްރީ އަދި މާލީ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

މާލެ އަށް އައްޑޫ ސިޓީ ކައުންސިލުން ކުރާ ދަތުރުގައި ހަ ކައުންސިލަރަކާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުހައްމަދު ޝުޖާއުގެ އިތުރުން އިދާރީ މުވައްޒަފުންތަކެއް ބެސް ބައިވެރިވަޑައިގަންނަވަ އެވެ. ކައުންސިލަރުންގެ ތެރޭގައި ހިމެނީ މޭޔަރު އަލީ ނިޒާރާއި ހުޅުދޫ ކައުންސިލަރު ހުސައިން ފައިޒް އާއި ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒާއި ހިތަދޫ ރަސްގެދަރަ ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރާއި ހިތަދޫ މޫލެކެޑެ ކައުންސިލަރު އަހުމަދު ސައީދުގެ އިތުރުން މަރަދޫފޭދޫ ކައުންސިލަރު ހާލިދާ މުހައްމަދު ހިމެނެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ކައުންސިލަރުންގެ ބޮޑު ވަފުދެއް މާލެ ވަޑައިގަތެވެ.

އައްޑޫ ސިޓީ ކައުންސިލުން މާލެ އަށް ކުރާ ދަތުރެއްގެ ތެރޭގައި އުޅޭ އިރު، އެމްޑީޕީ ހަރުގޭގައި ރޭ އޮތް ބައްދަލުވުމެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކައުންސިލަރުން ސަލާންޖަހަން މާލެ ވަޑައިގަންނަވާތީ ލަދުގަންނަ ކަމަށް ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ އަތޮޅުތަކުގެ ކައުންސިލަރުން މާލެ އަށް ސަލާންޖަހަން އަންނާތީ ލަދުން ފިއްކަނޑައިގެންދާ ކަމަށާއި އެ މަނިކުފާނު 18 އަހަރު ޓިނު ގޮޅިއެއްގައި އަދި އަނދަގޮނޑި ޖަހާފައި ވެސް އޮންނެވީ އެ މަންޒަރު ދެކެން ބޭނުން ނުވީމައި ކަމަށެވެ.