Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އައްޑޫ ބިންހިއްކުން: ކޮންޓްރެކްޓާ އެއްގޮތަށް މަސައްކަތް ކުރިއަށް އެބަދޭ

މިނިސްޓަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ ބިންހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ޝަރީފް ވަނީ އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިފައިވާތަން ނުފެންނާތީ އެމަސައްކަތް ފެށޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިހާރު ކުރިއަށްދަނީ ބިން ހިއްކަން ފެށުމުގެ ކުރިން ކުރަންހުރި ކަންތައްތަކެއް ކަމަށެވެ.

އެގޮތުން އެންމެ ބޮޑު ކަމަކަށް އޮތީ އައްޑޫގެ ސޭންޑް ސާޗް ސަރވޭއެއް ކުރުން ކަމަށާއި އެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

"އޭގެ ނަތީޖާއެއް އަދި ނުލިބޭ. އެހެންނަމަވެސް އެ ނަތީޖާއާއެކު ވެލި ނެގެން ހުރި ތަންތަން ފާހަގަކުރެވިގެން، އެ މަސައްކަތް ކޮންޓްރެކްޓްގައި އޮތްގޮތަށް އެބަ ކުރިއަށްދޭ." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މީގެކުރިން މަޖިލީހުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި ބިން ހިއްކުމަށް ބޭނުންވާ ވެލި އައްޑޫގެ އެތެވަރިން ނެގެން ހުރި ތަންތަނާއި މިންވަރު ދެނެގަނެވޭ ކަމަށެވެ.

އައްޑޫން ބިއް ހިއްކަން ނެދަލޭންޑްސްގެ ވެން އޫޑްއާ ސަރުކާރުން ހަވާލުކުރީ މިދިޔަ މާޗް މަހުގެ 27 ގަ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.