Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ޖަލްސާ ޕްރޮމޯޓްކުރަން ޕީޕީއެމް ކ. އަތޮޅުގައި

އަންނަ ހޮނިހިރު ދުވަހުގެ ރޭ ޕީޕީއެމުން "ހަވާލާ ވަތަން" ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ޕްރޮމޯޓްކުރުމަށްޓަކައި އެ ޕާޓީގެ ޓީމެއް ކ. އަތޮޅުގެ ރަށްތަކަށް ދަތުރެއް ފަށައިފި އެވެ.

މި ދަތުރުގެ ތެރެއިން މިހާރު ވެސް ގިނަ ރަށްތަކަށް ޒިޔާރަތްކޮށް، ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް އެކިއެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކޮށްފައިވެ އެވެ. ޕީޕީއެމްގެ މި ދަތުރުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ޖަލްސާ އަށް ކ. އަތޮޅުގެ ރަށްތަކުން މީހުން މާލެ ދާން ހިތްވަރުދީ، އެކަމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައިދިނުމެވެ.

މި ދަތުރުގައި ޕީޕީއެމްހެ ފަރާތުން އިސްކޮށް ތިއްވެނީ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫންގެ އިތުރުން ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) އެވެ.

ކާނިވާ ސަރަހައްދުގައި ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ފަށާ ގޮތަށް އޮތް ހާއްސަ ބޮޑު ޖަލްސާ އަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ވެސް ރަސްމީކޮށް ހަވާލުކުރަން ބާއްވާ އެވެ.

މި ޖަލްސާގެ ތައްޔާރީތައް ކުރިއަށްދާ އިރު، ޖަލްސާގެ ހާއްސަ ދައުވަތު، އެ ޖަލްސާގެ ކޯލް ސެންޓަރުން ޕާޓީގެ ސްޓިއަރިން ކޮމިޓީގެ މެންބަރުންނަށާއި ކައުންސިލް މެންބަރުން އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ފޮނޮވުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ.