މިހާރު ތައިލޭންޑްގައި ހުންނެވި ސްރީ ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އަންނަ ހަފުތާގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ވާހަކަ ގޮޓަބަޔާ ވަނީ ސްރީ ލަންކާ އިން ރަޝިއާ އަށް ކުރިން އައްޔަންކުރައްވާފައި ހުންނެވި ސަފީރު އުޑަޔަންގާ ވީރަތުންގާ އަރިހު ވެސް ވިދާޅުވެފަ އެވެ. އޭނައާ ހަވާލާދީ ލަންކާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ގޮޓަބަޔާ ލަންކާ އަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ މި މަހުގެ 24 ނުވަތަ 25 ގަ އެވެ.
އޭނާ ތައިލޭންޑަށް ވަޑައިގެންނެވީ މި މަހުގެ 11 ގަ އެވެ. އެ ގައުމަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 14 އިން ފެށިގެން ސިންގަޕޫރްގައި ހުންނެވުމަށް ފަހު ވިސާގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. ގޮޓަބަޔާ ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 13 ގައި ރައީސްކަމުން އިސްތިއުފާ ދެއްވަން އޮއްވައި ފިއްލަވައިގެން އަސްކަރީ ޖެޓެއްގައި ރާއްޖެ ވަޑައިގަތުމަށް ފަހު އެވެ. އެއީ އަނބިކަނބަލުންނާއި ދެ ބޮޑީގާޑަކާ އެކީގަ އެވެ.
ރާއްޖެ ވަޑައިގަތުމަށް ފަހު ގޮޓަބަޔާ އިސްތިއުފާ ދެއްވީ ޖެހިގެން އައި ދުވަހު ސިންގަޕޫރަށް ވަޑައިގެން މިދިޔަ މަހުގެ 14 ގަ އެވެ.
މިހާރު ލަންކާގެ ރައީސަކަށް ހުންނެވީ ގޮޓަބަޔާގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އަދި އޭނަގެ ސަރުކާރުން މެއި މަހު ބޮޑުވަޒީރު ކަމަށް އައްޔަންކުރި ރަނިލް ވިކްރަމަސިންހަ އެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ މިދިޔަ މަހުގެ 20 ގަ އެވެ.

ގޮޓަބަޔާ، 73، އެނބުރި ގައުމަށް ވަޑައިގަންވަން އުޅުއްވާ ވާހަކަ ދެކެވެމުން އަންނަ އިރު، މީގެ ދުވަސްކޮޅެއް ކުރިން ރަނިލް ވިދާޅުވެފައި ވަނީ މިއީ އޭނާ އެނބުރި ވަޑައިގަންނަވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.
ނަމަވެސް މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ ތަރުޖަމާނު ބަންދޫލާ ގުނަވަރުދަނާ ވިދާޅުވީ ގޮޓަބަޔާ އަށް ހިމާޔަތްދޭނެ ކަމަށާއި ކުރީގެ ރައީސްގެ ހައިސިއްޔަތުން އޭނަ ލިބިދޭ ހާއްސަ އިނާޔަތްތަކުގެ ދަށުން ސެކިއުރިޓީ ވެސް ހަމަޖައްސައިދޭނެ ކަމަށެވެ.
ލަންކާގެ ރައްޔިތުން ގޮޓަބަޔާ ސިފަކުރަނީ "ބޮޑު ވަގެއް" ގެ ގޮތުގަ އެވެ. އަދި އެތައް ބައެއްގެ ލޭ ވެސް އޮހޮރުވާފައިވާ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގަ އެވެ. އެހެންވެ އޭނަގެ މައްޗަށް ދައުވާކޮށް، އަދަބު ދޭން ގިނަ ބަޔަކު ގޮވާލަމުން ގޮސްފައިވެ އެވެ.