Last Updated: April 26, 17:02
Friday, April 26, 2024
ޚަބަރު އެމްޑީޕީ

އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދޭން އެދިއްޖެ

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް ފަސްކޮށްދޭން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް އެޑްރެސްކޮށް އަލީ އާޒިމް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ގަވައިދާ އެއްގޮތަށް އިންތިހާބުވެފައިވާ ފަރާތްތަކެއް ނޫންކަމަށެވެ.

އަލީ އާޒިމްގެ ސިޓީގައި ވިދާޅުވެފައިވަނީ ގޮފިތަކުން ކޮންގްރެސްގައި ތަމްސީލުކުރާ ފަރާތްތަކުގެ މައުލޫމާތު މިވަގުތާއި ހަމައަށްވެސް ހިއްސާކޮށްފައިނުވާތީ، އެ ފަރާތްތައް ކުރިއަށް މިއޮތް ކޮންގްރެސްގައި ބައިވެރިވެއްޖަނަމަ، ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާއިމެދު ސުވާލު އުފެއްދުމަށް ޖާގަދެވިގެންދާނެ ކަމެއްކަމަށް ދެކޭކަމަށެވެ.

އެހެންކަމުން މާދަމާ ބޭއްވުމަށްހަމަޖެހިފައިވާ ކޮންގްރެސްއަށް ނޮމިނޭޓްކޮށްފައިވާ ގޮފިތައް ތަމްސީލުކުރާ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތާމެދު، އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަމުންގެންދާތީ ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުން ނުވަތަ ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރުކުރުމަށްފަހު ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް އާޒިމްގެ ސިޓީގައި އެދިފައިވެއެވެ.

މީގެއިތުރުން އާޒިމް ވަނީ ގޮފިތަކުން ހުށަހެޅި މަންދޫބުން އިންތިހާބުކުރިގޮތާއި އެ މަންދޫބުންގެ ތަފްސީލު ހިމެނޭނެ ލިސްޓެއް ހިއްސާކޮށްދިނުމަށްއެދިފައެވެ.

އެމްޑީޕީގެ ކޮންގެރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެ ކޮންގްރެސްއަށް ހުށަހަޅާ އެންމެ މުހިންމު އެއް ގަރާރަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރެވެ.