Last Updated: July 17, 18:07
Saturday, July 18, 2026
ކުޅިވަރު

ރެއާލް ދޫކޮށް ކަސެމީރޯ ޔުނައިޓެޑަށް

ރެއާލް މެޑްރިޑަށް ކުޅެމުން އައި ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރު ކަސެމީރޯ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވާން މިހާރު ވަނީ އެއްބަސްވެފަ އެވެ. އެގޮތުން އޭނާ ޔުނައިޓެޑަށް ބަދަލުވާނީ 60 މިލިއަން ޔޫރޯގެ އަގަކަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކަސެމީރޯ ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ފެށީ ޔުވެންޓަސް އަށް ކުޅެމުން އައި ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެންނެވެ. ނަމަވެސް ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑިޔޮންގް ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން އަދިވެސް ހުއްޓާލާފައެއް ނުވެ އެވެ.

ކަސެމީރޯ ،30، ރެއާލަށް ބަދަލުވީ 2013 ވަނަ އަހަރު ކަމަށްވާއިރު އޭނާ ވަނީ އެ ކްލަބަށް 222 މެޗު ކުޅެދީ ސްޕެނިޝް ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ބަލިވެފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގުގެ ފުލުގަ އެވެ. ލީގުގައި ޔުނައިޓެޑް އަންނަ ހޯމަ ދުވަހުގެރޭ ނިކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ.