Last Updated: July 23, 17:52
Thursday, July 23, 2026
ދުނިޔެ

ބޮޑުވަޒީރު ޕާޓީކުރާ ވީޑިއޯ އިން އާންމުން ރަތަށް

ފިންލޭންޑްގެ ޒުވާން އަންހެން ބޮޑުވަޒީރު ސަނާ މާރިން ޕާޓީކުރައްވާ ވީޑިއޯއެއް ލީކްވެ، ފާޑުކިޔުންތައް އަމާޒުވެ ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ ހުންނެވީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކޮށް، ޓެސްޓްކުރަން ގިނަ ބަޔަކު ގޮވާލައިފި އެވެ.

މިދިތަ ބުރާސްފަތި ދުވަހުގެ ރޭ އާންމުވި ވީޑިއޯގައި ފެންނަނީ ބޮޑުވަޒީރު ކުލަ ބޮކިތަކުން ދިއްލައި، މިއުޒިލާއި ލަވައިން ގުގުމާފައި އޮތް ޕާޓީއެއްގައި ކަޅު ކުލައިގެ ނިވާކަން ކުޑަ ޓޮޕަކާއި ހުދު ކުލައިގެ ޖީންސެއްގައި ނައްޓަވާ ތަނެވެ. އޭނައާ އެކީ މި ވީޑިއޯ ފިންލޭންޑްގެ ބައެއް ސެލެބްރިޓީން ވެސް ފެނެ އެވެ.

ބޮޑުވަޒީރު "މަސްތުގެ ހާލަތުގައި" ހުންނަވައިގެން ޕާޓީކުރައްވާ ވީޑިއޯ އާންމުވުމާ އެކު ވަރަށް ގިނަ ބަޔަކު އަންނަނީ އޭނާ ޑްރަގްސް ބޭނުންކޮށްގެން ހުންނެވި ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި އެހެންވެ އެކަމަށް ޓެސްޓް ވެސް ކުރަން ޖެހޭނެ ކަމަށް ބުނަމުންނެވެ. ބައެއް މީހުން އަދި ބުނެފައި ވަނީ ވީޑިއޯގައި ފެންނަނީ ގައުމެއްގެ ވެރިއެއްގެ ފަރާތުން ފެނިގެން ވާނެ ފަދަ އަމަލެއް ނޫން ކަމަށެވެ.

ފިންލޭންޑްގެ އިދިކޮޅު ޕާޓީގެ ލީޑަރު ރިކީ ޕޫރާ ވިދާޅުވީ ބޮޑުވަޒީރު އަމިއްލަ ގޮތުން ޑްރަގަށް ޓެސްޓްކުރައްވަން ޖެހޭނެ ކަމަށާއި އޭނާ މަސްތުވާތަކެތި ބޭނުންކޮށްގެން ހުންނެވި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާތީ އެކަމަށް ސާފު ކަށަވަރު ޖަވާބެއް ވެސް ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ނަމަވެސް 36 އަހަރުގެ ބޮޑިުވަޒީރު ވިދާޅުވީ ޑްރަގްސް ބޭނުންނުކުރައްވާ ކަމަށާއި އެކަމަކު ޕާޓީ ތެރޭގައި ބަނގުރާ ހިއްޕެވި ކަމަށެވެ. އެހެންވެ ޓެސްޓްކުރައްވަން ވެސް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ. އޭނަ ޕާޓީކުރައްވާ ވީޑިއޯ އާންމުވުމުން ވިދާޅުވީ ގާނޫނާ ހިލާފު ކަމެއް ނުކުރައްވާ ކަމަށާއި އެހެން މީހުން ވެސް ޕާޓީތަކުގައި ނަށައި ލަވަކިތާ ގޮތަށް އުޅުއްވީ ކަމަށެވެ. ސަަނާ އަކީ ޕާޓީކުރެއްވުން އާންމު ލީޑަރެކެވެ.

އޭނަަ އަށް ފިންލޭންޑްގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތީ 2019 ގަ އެވެ.