Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ކޮންގްރެސް އަށް 1،178 މީހުން ރަޖިސްޓްރީކުރި

މިރޭ ފަށަން ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވާން ށް ރަޖިސްޓްރީކުރީ 1،178 މީހުން ކަމަށް ކޮންގްރެސްގެ ޗެއާ އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސްއާ ގުޅޭ ގޮތުން ހަވީރު ސޯޝަލް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު 1،365 މީހުންނަށް ލިބިގެންވާ ކަމަށެވެ. ކޮންގްރެސްގައި ބައިވެރިވާ މީހުންނަށް މިހާރު ފާސްތައް ދޫކުރަމުން އަންނަ އިރު 1،708 މީހުންގެ ތެރެއިން 900 އަށް ވުރެ ގިނަ މީހުން ފާސް ނަގާފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ކޮންގްރެސް ބާއްވާ މައި ހޯލަށް ވަދެވޭނީ ވަކި ބަޔަކަށް ކަމަށާއި އަދި ޕާޓީގެމެމްބަރުންނަށް ސޯޝަލް ސެންޓަރުގެ މަތީ ފަންގިފިލާ ހަމަޖެހޭނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ކޮންގްރެސްގައި ބައިވެރިވާ މީހުން ސޯޝަލް ސެންޓަރަށް ވަންނަން ޖެހޭނީ މާފަންނު މަދަރުސާ ކުރިމަތީ ގޭޓުންނެވެ. އަދި ސެކިއުރިޓީ ޗެކިން ފުރިހަމަކުރަން ޖެހޭނެ ކަމަށާއި ފާސް އޮތްތޯ ވެސް އެމްޑީޕީން ބުންޏެވެ.

މި ކޮންގްރެސް އަށް 200 އަށް ވުރެ ގިނަ މީހުން ރަށްތަކުން މާލެ ގޮސްފައިވެ އެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި މައިގަނޑު ތިން ކަމެއް ނިންމަން ވަނީ ހަމަޖެހިފައިވެ އެވެ. އެއީ ޕާޓީގެ ގަވާއިދަށް ގެންނަ ބަދަލުތައް ފާސްކުރުމާއި ޤާނޫނުއަސާސީ އަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމާއި ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ކޮންގްރެސް އަށް ހުށަހަޅައި މަޝްވަރާކުރުމެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން ގަރާރެއް ހުށަހެޅުއްވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮންގްރެސްއާ ގުޅޭ ގޮތުން އެންމެ ހޫނުކޮށް ދެކެވެނީ ވެސް މި ގަރާރުގެ ވާހަކަ އެވެ.

މި ކޮންގްރެސްގައި އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކާ ބައްދަލުކޮށް، ރަށްތަކުގެ ތަރައްގީ އަށް ކުރާ މަސައްކަތްތަކާއި ކުރިއަށް ހުރި އިންތިހުބުތައް ކާމިޔާބު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރަން ހަމަޖެހިފައިވެ އެވެ.