ސްރީ ލަންކާ މިހާރު އޮތް ހާލަތުން އަރައިގަތުމަށް އެހީވުމުގެ ގޮތުން އޮސްޓްރޭލިއާ އިން އެ ގައުމަށް އިތުރު 25 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.
މި އެހީ އަކީ ހާއްސަކޮށް ލަންކާގެ ސިއްހީ ދާއިރާގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ދޭން ނިންމި އެހީއެކެވެ. މި އެހީ ދޭން ނިންމިކަން އިއުލާންކުރީ އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް އެންޑް ދަ ޕެސިފިކް މިނިސްޓަރު ޕެޓް ކޮންރޯއި އާއި ފޮރިން މިނިސްޓަރު ޕެނީ ވޮންގް ނެރުއްވި ބަޔާނެއްގަ އެވެ.
Australia stands with the people of Sri Lanka, as the country confronts its worst economic crisis in 70 years.
We are providing an additional $25 million to help Sri Lanka meet urgent food and healthcare needs.@PatConroy1 https://t.co/hOY5nL0b9E
— Senator Penny Wong (@SenatorWong) August 19, 2022
އޭގައި ބުނެފައި ވަނީ އޮސްޓްރޭލިއާ އަބަދު ވެސް އޮންނާނީ ލަންކާއާ އެކީގައި ކަމަށާއި އެ ގައުމަށް ދިމާވެފައިވާ މާލީ އަދި އިގުތިސާދީ ތަދުމަޑުކަމާ ގުޅިގެން ރައްޔިތުން އުފުލަން ޖެހިފައިވާ ބުރަ ލުއިކޮށްދޭން ވެވެން އޮތް ހުރިހާ އެހީއެއްވުމުގައި އަބަދު ވެސް ދެމިއޮންނާނެ ކަމަށެވެ.
"އދ. ވެސް މެދުވެރިކޮށް ލަންކާ އަށް އެކި ގޮތްގޮތުން އޮސްޓްރޭލިއާ އިން ލަންކާ އަށް އެހީވަމުން ދާނެ. އެގޮތުން ކާބޯތަކެއްޗާއި ބޭހާއި ސާފު ބޯފެނާއި އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެކި ގޮތްގޮތުން އެހީވުން ހިމެނޭ،" ބަޔާނުގައި ބުންޏެވެ. "އަދި ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ދިމާވެފައިވާ ކަންކަމުން އެ މީހުން އަރައިގަތުމަށް އެހީތެރިކަން ދޭނަން."
އޮސްޓްރޭލިއާ އިން ލަންކާ އަށް ދޭން ނިންމި އިތުރު 25 މިލިއަން ޑޮލަރާ އެކު، އެހީގެ މިންވަރު މި ވަނީ 75 މިލިއަން ޑޮލަރަށް އަރައިފަ އެވެ.