Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

މަހުލޫފް ދެއްކެވީ ސަރުކާރުން ނަތީޖާ ނެރޭ ވާހަކަ

މިހާރުގެ ސަރުކާރަކީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ ސަރުކާރެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީން ފެށި އެ ޕާޓީގެ ހަތަރު ވަނަ ކޮންގްރެސްގެ މިއަދު ހެނދުނުގެ ދަންފަޅީގައި ވަޒީރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ނަތީޖާ ނެރެމުން އަންނަ، އުފެއްދުންތެރި ސަރުކާރެއް ކަމަށެވެ. އަދި އެއީ ބަޔަކަށް ދެކޮޅު ވެސް ހެދޭނެ ކަމެއް ނޫން ކަމަށާއި ހުރިހާ ދިމާއަކުން ވެސް އެ މަންޒަރު ފެންނާނެ ކަމަށް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި މި ސަރުކާރުން ކުރަމުން އަންނަ ކަންކަމުގެ ތެރެއިން މަތީ ތައުލީމަށް ޒުވާނުންނަށް ވަރަށް ފަހި ފުރުސަތުތައް ތަނަވަސްކޮށް ދިނުމާއި ޒުވާނުން ކުރިއެރުވުމާއި ކުޅިވަރު ދާއިރާ ވެސް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް މިހާތަނަށް ވަނީ ކޮށްފަ އެވެ. އަދި ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭހައި ވެސް ޒުވާނުންގެ ދާއިރާ އިން އިތުރު ކަންކަން ކުރެވިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ މިހާރު ހިލޭ މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ވެސް ސަރުކާރުން ފަހިކޮށް ދީފައިވާ އިރު، މި ސަރުކާރު މިހާތަނަށް އައި އިރު، 14،000 އަށް ވުރެ ގިނަ ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުޅިވަރުގެ ދާއިރާ އިން ކުރެވޭ މަސައްކަތުގެ ތެރެއިން ކުޅިވަރު ކުޅޭނެ ތަންތަނާއި ވަސީލަތްތައް ގާއިމުކޮށް ދިނުމާއި ކުޑަކުދިންނަށް ހިތްފަސޭހަކޮށްލާނެ ތަންތަން ހަދައި ދިނުމަކީ ވެސް ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

އެގޮތުން މިހާތަނަށް ކުޅިވަރު ދާއިރާ އިން ގާއިމުކޮށް ދެވިފައިވާ ކަންކަމާއި ވަޒީފާތަކާ ގުޅޭ މަސައްކަތްތަކުގެ ނަމްބަރުތައް ވެސް މަހުލޫފް ވަރަށް ތަފުސީލުކޮށް ހިއްސާކޮށް ދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ރައްޔިތުން އެދޭ ފަދަ ކަންކަން ކޮށް ދެމުން އަންނަ ރައްޔިތުން ބޭނުންވާ ކަހަލ ސަރުކާރެކެވެ. އެގޮތުން ސަރުކާރުގެ ހުރިހާ ވަޒީރުން ވެސް އެ ބޭފުޅުން ހަވާލުވެވަޑައިގެންފައިވާ ދާއިރާތަކުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.