ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ އިން ބަރުލަމާނީ އަށް ބަދަލުކުރުމުގެ ބަހުސަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި އެމްޑީޕީގެ ހާއްސަ ކަމަކީ ވެސް އެފަދަ ކަންކަމާ ގުޅޭ ގޮތުން ޕާޓީ ތެރޭގައި ވާހަކަ ދައްކައި، ބަހުސްކުރެވުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ރޭ ވިދާވެއްޖެ އެވެ.
އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ބޭނުން ވަނީ މިނިވަންކަމާ އެކީ ބޭނުން ވާހަކައެއް ދައްކައިގެން ނަތީޖާ ހާސިލް ކުރަން ކަމަށެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި ހިޔާލު ތަފާތުވާން ކަންކަމުގެ ތެރެއިން ވެސް ޕާޓީ އަށް ކުރިއަށް ދެވޭނެ ކަމަށެވެ.
"ރިޔާސީ ނިޒާމުތޯ، ބަރުލަމާނީ ނިޒާމުތޯ. އަޅުގަނޑަށް ހީވަނީ ތާ އަބަދަށް ވެސް އަޅުގަނޑުމެންގެ ތެރޭގައި އެ ވާހަކަތައް ދެކެވޭނެހެން،" އޭނާ ވިދާޅުވި އެވެ. "އެއީކީ އޭގައި އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން."
މާދަމާގެ ނިޔަލަށް ބާއްވަން ހަމަޖެހިފައިވާ ކޮންގްރެސް އަށް ރައީސް މުހައްމަދު ނަޝީދު ވަނީ ބަރުލަމާނީއާ ގުޅޭ ގަރާރެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެއީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. ކޮންގްރެސްގައި އެކަމާ ގުޅޭ މަޝްވަރާތައްކުރަން ހަމަޖެހިފައި ވަނި އެންމެ ފަހު ކަމެއްގެ ގޮތުގަ އެވެ.
MDP ge 4 vana Congress kuriah dhanee pic.twitter.com/Th4u61RivS
— MDP Secretariat (@MDPSecretariat) August 20, 2022
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ގަރާރެއް ނަޝީދު ހުށަހެޅުއްވި އިރު، ރާއްޖޭގެ ސިޔާސީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ އެ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ގަރާރު އަނބުރާ ގެންދަން ނަޝީދުގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަމަވެސް ނަޝީދު ވިދާޅުވެފައި ވަނީ ފެންނަ ނުފެންނަ ވޯޓަކީ ރައީސާ ބެހޭ ކަމެއް ނޫން ކަމަށެވެ.
ރޭ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވެސް ނަޝީދު ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށާއި އެކަން ނުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.