އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބޯންމަތްގެ މައްޗަށް 3-0 އިން އާސެނަލް އިން ކުރި ހޯދައިފި އެވެ.
މިއީ ލީގުގައި މި ދެ ޓީމުން ވެސް ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު، އާސެނަލް އިން ވަނީ އެ ތިން މެޗުން ވެސް މޮޅުވެފަ އެވެ. އެ ތިން މެޗުގައި އާސެނަލް އިން 9 ގޯލު ކާމިޔާބުކޮށްފައިވާއިރު އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ. ބޯންމަތް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު އެއް މެޗުން ވަނީ މޮޅުވެފަ އެވެ.
ބޯންމަތްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓްގައި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. އަދި އޭގެ ހަ މިނެޓްފަހުން އާސެނަލްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އޮޑެގާޑް އެވެ.
މެޗު ޑޮމިނޭޓްކޮށްގެން އާސެނަލް އިން ކުޅުނުއިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 54 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވިލިއަމް ސަލީބާ އެވެ. ސަލީބާ މި ގޯލް ކާމިޔާބުކުރީ ބޯންމަތްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
މި ގޯލަށްފަހު ވެސް ދެވަނަ ހާފްގައި އާސެނަލްގެ ގެބްރިއަލް ޖީސެސް އަދި އެޑީ އެންކެޓިއާ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް އެ ހަމަލާތައް ދިފާއުކުރީ ބޯންމަތްގެ ގޯލްކީޕަރު ޓްރަވޭސް އެވެ.
ބޯންމަތްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް އާސެނަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ފުލަމް އެވެ. ބޯންމަތް ނިކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ.