އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ހެދުމާ ގުޅޭ ގޮތުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މުހާވަރުއާ އައްޑޫ ސިޓީ ކައުންސިލުން ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ޓީމެއް މާލެއަށް ކުރާ ދަތުރުގެ ތެރެއިންނެވެ. މި ދަތުރުގައި އިސްކޮށް ހުންނެވީ މޭޔަރު އަލީ ނިޒާރެވެ. މިހާރު ހުޅުމާލޭގައި ހިންގަމުން އަންނަ އިންޑިއާގެ އެމްބަސީގައި ބޭއްވި ބައްދަލުވުމުގައި އައްޑޫގައި ހަދަން ނިންމާފައިވާ ކޮންސިއުލޭޓާ ބެހޭ ގޮތުން ކައުންސިލާއި އިންޑިއާ ސަފީރާ ދެމެދު މަޝްވަރާކުރި ނަމަވެސް މިކަމާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
އެކަމަކު ކައުންސިލުން ބުނީ މި ކަމަކީ ރާއްޖެ އާއި އިންޑިއާއާ މެދު ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމާ މެދު ވިސްނަމުން އަންނަ ވާހަކަ އިންޑިއާ އިން ބުނެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެކަމާ ގުޅިގެން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ވަރަށް ގިނަ މެމްބަރުންނާއި އައްޑޫ ކައުންސިލުން ވެސް އެކަމަށް ތާއީދުކޮށް ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން މިއީ ވިސާ ހޯދުން ފަސޭހަވުމާއި އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކަކަށް މަގުފަހިވާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކާއި އާންމުންގެ ތެރޭގައި ވެސް މިކަމާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، އެ ވާހަކަ ވަރަށް ބޮޑަށް ދެކޮޅަށް ދައްކާފައިވެ އެވެ. އޭރު ވަރަށް ގިނަ ބަޔަކު ބުނެފައި ވަނީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫގައި ކޮންސިއުލޭޓެއް ހަދަން އިންޑިއާ އިން އުޅުމަކީ ރާއްޖެ އަށް އަތްގަދަކުރަން ކުރާ މަސައްކަތުގެ ބައެއް ކަމަށާއި އެފަދަ ފުރުސަތެއް ދިނުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށެވެ.
އިންޑިއާ އަކީ މިހާރު ވެސް އައްޑޫގައި ބޮޑެތި މަޝްރޫތަކެއް ހިންގަމުން އަންނަ ގައުމެކެވެ. އޭގެ ތެރެއިން މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އައްޑޫގެ އަވަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމެވެ. އަދި އިންޑިއާ އިން ވަނީ ހިލޭ އެހީގެ ދަށުން އައްޑޫގައި 200 މިލިއަން ޑޮލަރުގެ ޕޮލިސް ކޮލެޖެއް ވެސް ގާއިމުކޮށް ދީފަ އެވެ.